ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ "އިންސްޕެކްޓަރ ކޯސް" ގެ ހަތަރުވަނަ ބުރު މިމަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ ކެމްޕަހުގައި ރަސްމީކޮށް ފައްޓައިފިއެވެ. ފުލުހުންގެ އިދާރާއިން ހާމަކުރެއްވިގޮތުގައި މިކޯހުގައި 25 ފިރިހެން އަދި 6 އަންހެން ފުލުހުން ހިމެނޭގޮތަށް ޖުމްލަ 31 ފުލުހުން ބައިވެރިވެފައިވެއެވެ.
އަށް ހަފުތާއަށް ދެމިގެންދާނެ މި ކޯހުގައި ފުލުހުންގެ ގާނޫނާއި އެހެނިހެން ފުލުހުންނާ ގުޅުންހުރި ގާނޫނުތަކުގެ އިތުރުން، ލީޑަޝިޕް އަދި މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އަދި އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދެވޭނެއެވެ.
ފުލުހުންގެ އިދާރާއިން އިތުރަށް ހާމަކުރެއްވިގޮތުގައި، އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގެ ސަބަބުން މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވިގެންދާނެކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ