ގެއްލުނު "ބްރިލިއަންޓް ކެރިއަރ" ދޯނި ލ. އަތޮޅުން ފެނިއްޖެ

ގެއްލުނު "ބްރިލިއަންޓް ކެރިއަރ" ދޯނި ލ. އަތޮޅުން ފެނިއްޖެ

Author
ހުސައިން
29 އޭޕްރިލް 2025 08:22
0

ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ "ބްރިލިއަންޓް ކެރިއަރ" ދޯނި މިއަދު ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

ދޯނި ފެނުނުއިރު އޮތީ އިންޖީނު ހުއްޓިފައިކަމަށާއި، ދޯންޏަށް ބޭނުންވާ އެހީތެރިކަން ކޯސްޓް ގާޑްގެ ފަރާތުން ވަނީ ފޯރުކޮށްދީފައިކަމަށް ފުލުހުން ބުނެފައިވެއެވެ. ދޯނީގައި ތިބި އެންމެންގެ ހާލު ރަނގަޅުކަންވެސް ފުލުހުންގެ ފަރާތުން ކަށަވަރުކޮށްދީފައިވެއެވެ.

މި ދޯނީގައި ތިބީ 5 މީހުންކަމަށާއި، އޭގެ ތެރޭގައި 3 ދިވެހިންނާއި 2 ބިދޭސީން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. "ބްރިލިއަންޓް ކެރިއަރ" ދޯނި ގދ. ގައްދޫން ހުޅުމާލެއަށް ފުރާފައިވަނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރުއެވެ.

ދޯނި ގެއްލުމުގެ ކުރިން އެންމެ ފަހުން ދޯންޏާ ގުޅިފައިވަނީ އޭޕްރިލް 27 ވަނަ ދުވަހުގެ ދަންވަރު 2:40 ގައިކަމަށާއި، އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރުތަކެއް ނުވާކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

ދޯނި ގެއްލުނު މައްސަލަ އިއްޔެ ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ދިނުމާއެކު، ދޯނި ހޯދުމުގެ މަސައްކަތް އިއްޔެ ވަނީ ފެށިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.