އައްޑޫ ސިޓީގައި ހުންނަ ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމާއި އައްޑޫއަށް ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމްއާއި ޝަންގްރިލާގެ ވައިސް ޕްރެޒިޑެންޓް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމުއެލް ލިމް ޔޮންގް ޕެންގްއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
މިބައްދަލުވުމުގައި ދެފަރާތުން ވަނީ ޝަންގްރިލާ ވިލިނގިލި ރިސޯޓް އަވަހަށް ހުޅުވުމުގެ މަސައްކަތް އަވަސްކުރުމާއި، އައްޑޫއަށް ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރުކޮށް ފަސޭހަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައެވެ.
"ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މި ރިސޯޓް ހުޅުވުމާއެކު އައްޑޫއަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ވެސް ހުޅުވިގެންދާނެ،" މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވިއެވެ.
ޝަންގްރިލާގެ ފަރާތުން ސެމުއެލް ލިމް ޔޮންގް ޕެންގް ވިދާޅުވެފައިވަނީ، މިމަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ ކަމަށާއި، އައްޑޫއަށް ދަތުރުފަތުރު ފަސޭހަވުމަކީ މިމަޝްރޫޢުގެ ކާމިޔާބަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނޫސްބަޔާނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިބައްދަލުވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރު ބައިނަލްއަޤްވާމީ ފްލައިޓްތައް އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިކަމުގެ ސަބަބުން އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެސަރަޙައްދުގެ އިޤްތިޞާދަށް ފައިދާވާނެކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިވަގުތު އައްޑޫއަށް ދަތުރުކުރާ ބޭރުގެ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން އެއާލައިންސްއެވެ. އައްޑޫގައި މިވަގުތު ތިން ރިސޯޓެއް ހިންގަމުން އަންނައިރު، ގެސްޓްހައުސްތަކެއްވެސް ހިންގަމުން ގެންދެއެވެ. އައްޑޫގައި ހިންގަމުން އަންނަ ތިން ރިސޯޓަކީ ކެނަރީފާއި ސައުތް ޕާމްގެ އިތުރުން އީކްއޭޓާ ވިލެޖެވެ.
ކޮމެންޓު ފޮނުވާ