މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރެއްވި ޒިޔާރަތް ނިންމަވާލައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރެއްވި ޒިޔާރަތް ނިންމަވާލައްވައިފި

ގުޅުންހުރި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ސަލާހުލް ބުދައިރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދެވި ރަސްމީ ދަތުރުފުޅު ނިންމަވައި އިއްޔެ ހަވީރު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޑރ. ސަލާހުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުއްމަތުގެ މަތީ ދީނީ ޝަޚްޞިއްޔަތުތައް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ރޭވިފައިވާ ޚާއްޞަ ސިލްސިލާގެ ތެރެއިން ކުރެވުނު ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އިމާމުގެ ދަތުރުފުޅު ފެށިގެން އައީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމާއެކުއެވެ.

މި ދަތުރުފުޅަކީ 41 އަހަރު ފަހުން ހަރަމްފުޅުގެ އިމާމެއް ރާއްޖެއަށް ޒިޔާރަތްކުރެއްވި ތާރީޚީ ދަތުރުފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ފަހުން ރާއްޖެއަށް ޒިޔާރަތްކުރެއްވި ހަރަމްފުޅުގެ އިމާމަކީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިޚް މުޙައްމަދު އައްސުބައްޔިލެވެ. އެއީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ދަތުރުފުޅެކެވެ.

ޑރ. ސަލާހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރެއްވިއެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާވެސް ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާވެސް ބައްދަލުކުރެއްވިއެވެ.

ދަތުރުފުޅުގެ ތެރޭގައި ޝައިޚް ޑރ. ސަލާހު ސަޢޫދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާކުރެވިފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ރަސްމީ ޒިޔާރަތެއް ކުރައްވައި، އެ މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރެއްވިއެވެ. އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދުކުރެއްވުމަށްފަހު ޚާއްޞަ ދަރުހެއްވެސް ދެއްވިއެވެ. މީގެ އިތުރުން މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުވެސް ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ