މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބްރޯޑްކާސްޓިންގެ އުސޫލުތަކާ ޚިލާފަށް މުޒާހަރާތަކާއި އެއްވުންތައް ލައިވް ކުރާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށް އިންޒާރު ދީފިއެވެ.
މި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން މުޒާހަރާތަކާއި އެއްވުންތައް ދެއްކުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކުރިން ވެސް ބަޔާންކޮށްދެވިފައިވާނެއެވެ. އަދި ކޮމިޝަނުން ވަނީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއަކީ ހުރިހާ ވަގުތެއްގައިވެސް ޢަމަލުކުރަންޖެހޭ މިންގަނޑެއްކަން ހަނދާންކޮށްދެއްވާފައެވެ.
"ގާނޫނާއި ގަވައިދުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" މިހެން ކޮމިޝަނުގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މި ބަޔާން ނެރުނީ 21 އަހަރުގެ އަންހެން ޒުވާނަކު ހެންވޭރުގައި ހުންނަ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓި، މިދިޔަ ހުކުރު ދުވަހު މަރުވި ހާދިސާއާ ގުޅިގެން ބޭއްވުނު މުޒާހަރާއަށް ފަހުއެވެ. މި ހާދިސާއާ ގުޅިގެން ޒުވާނާއަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލައި ރޭ މާލޭގައި މުޒާހަރާއެއް ބޭއްވުނެވެ.
ފުލުހުން މި މައްސަލަ ތަޙުޤީޤުކުރާ ގޮތާމެދު ގިނަ ރައްޔިތުން ހިތްހަމަނުޖެހިގެން ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދަށް ބޮޑު އަދަދެއްގެ ޒުވާނުން ރޭ އެއްވެ އިހުތިޖާޖުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ