ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކޮށްފިއެވެ. ކުރިން މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިގޮތުގައި މުއްދަތު އިތުރުކުރީ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށެވެ. މިހާތަނަށް މައުރަޒުގައި ބައިވެރިވުމަށް 256 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، އެ އެޕްލިކޭޝަންތަކުގައި 4415 ތަފާތު އުފެއްދުންތައް ހިމެނޭކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
އިޤްތިޞާދީ ވުޒާރާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވާލުމަށްޓަކައި، ކުރިން ކަނޑައަޅާފައިވާ 15 ބާވަތުގެ އުފެއްދުމުގެ ލިމިޓްވެސް އުވާލާފައިވެއެވެ. އެހެންކަމުން މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރެވޭނެއެވެ.
އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު މި މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025″ އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގެ މަގުސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވިގޮތުގައި، މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒެވެ. އަދި މި އަހަރުގެ މައުރަޒުގައި ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ބައިވެރިވާނެއެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން 31 ވަނަ ދުވަހާ ހަމައަށެވެ.
ކޮމެންޓު ފޮނުވާ