ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުޙައްމަދު މުއިއްޒާ ގުޅުވައި ޙަޤީޤަތާ ޚިލާފު ވާހަކަތައް ދެއްކި މައްސަލައިގައި އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދި) ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ އެންގުން ކެންސަލްކޮށްފިއެވެ.
މަންދި ފުލުހަށް ހާޒިރުވާން އެންގީ އޭނާގެ ހަށިގަނޑުގެ ބޭރު ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ނަމަވެސް މަންދި ބުނިގޮތުގައި، އޭނާއަށް ކޯޓު އަމުރު ލިބިފައިނުވާ ކަމަށާއި، ކޯޓު އަމުރު ހަވާލުކުރުމަށް ގުޅާފައިވެސް ނުވާ ކަމަށެވެ. އަދި ފަހުން ފުލުހުން ގުޅައި، ހާޒިރުވުން ކެންސަލްވެފައިވާ ކަމަށާއި ހާޒިރުވާންޖެހޭ އައު ތާރީޚެއް ފަހުން އަންގާނެ ކަމަށް ބުނި ކަމަށްވެސް މަންދި ހާމަކުރިއެވެ.
މި މައްސަލައަކީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ރައީސް މުއިއްޒުގެ ދަރިކަލުންނާ ގުޅުވައި ހަޤީގަތާ ޚިލާފު ވާހަކަތަކެއް ދެއްކުމުގެ ސަބަބުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި މަންދިގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެކެވެ. މި މައްސަލަ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ވަނީ ހުށަހަޅާފައެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ އަޙްމަދު ވިދާޅުވީ، މި މައްސަލަ ހުށަހެޅުއްވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އަބުރު ހިމާޔަތްކުރުމުގެ ގޮތުން ކަމަށެވެ. މާދަމާ އެފަދަ މަޤާމުތަކުގައި ތިބެދާނެ އެހެން ކުޑަކުދިންނަށްވެސް ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި މިފަދަ މައްސަލަތައް ބެލުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ