މަނދިއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނެގުމަށް ހުއްދަދޭ ކުރިމިނަލް ކޯޓުގެ އަމުރެއް!

މަނދިއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނެގުމަށް ހުއްދަދޭ ކުރިމިނަލް ކޯޓުގެ އަމުރެއް!

Author
ހުސައިން
20 އޭޕްރިލް 2025 07:43
0

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ހަށިގަނޑުގެ ފޮޓޯ ނެގުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ. ނަމަވެސް މި އަމުރުގައިވާ ގޮތުން ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނެގުމަށް ހުއްދަދީފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަމުރު ނެރެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަޙުޤީޤާ ގުޅިގެންނެވެ. ފުލުހުން ކުރިންވެސް ވަނީ މި މައްސަލައާ ގުޅިގެން އެ ދެމީހުން ހާޒިރުކޮށް ބަޔާން ނަގާފައެވެ.

އިއްޔެ އެ ދެމީހުންނަށް ފުލުހުން ޗިޓު ފޮނުވި ނަމަވެސް، ފަހުން އެ ޗިޓު ކެންސަލްކޮށް، އެކަމާ ގުޅިގެން އަމަލު ކުރަންވީ ގޮތް ފަހުގެ ތާރީޚެއްގައި އަންގާނެ ކަމަށް ވަނީ އަންގާފައެވެ. އެ ޗިޓުގައި ބަޔާންކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މަންދީއާއި މާޒް ސަލީމްގެ ހަށިގަނޑުގެ ފޮޓޯ ނަގައި އަޑުގެ ސާމްޕަލް ނެގުމަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށެވެ.

މަންދީ އާއި މާޒް ސަލީމްގެ މައްޗަށް މި ތަޙުޤީޤް ހިންގަމުންދަނީ އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ރައީސްގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަމާ ގުޅިގެން، މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ފަހުން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތުން ފެމިލީ ކޯޓަށްވެސް މައްސަލައެއް ހުށަހަޅާފައިވެއެވެ.

މިދިޔަ ރަމަޟާން މަހު ތެރޭގައި އެމްޑީޕީއިން ސިލްސިލާކޮށް ބޭއްވި މުޒާހަރާއެއްގައި، މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ބުނެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ.

ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވެފައިވަނީ، މި މައްސަލަ ހުށަހަޅާފައިވަނީ ރައީސްގެ ދަރިކަލުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި، މާދަމާ އެ މަގާމުތަކުގައި ތިބެދާނެ އެހެން ކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުން މުހިންމު ކަމަށް މެޑަމް ސާޖިދާ ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.