ޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަށް ދިއުމަށް ފައްޔާޒު ދެކޮޅު

ޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަށް ދިއުމަށް ފައްޔާޒު ދެކޮޅު

Author
ހުސައިން
20 އޭޕްރިލް 2025 07:37
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަށް ބަދަލުކުރުމާއި ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މި ބަދަލަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވަނީ މިކަމާ ދެކޮޅު ހައްދަވައިފިއެވެ.

ފައްޔާޒް އިސްމާޢީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަކީ ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ޙައްޤުތަކަށް ހުރަހެއް އެޅިދާނެ ނިޒާމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޯޓު ގުނައި، ނަތީޖާ އިޢުލާނުކުރާއިރު، އިންތިޚާބީ ރައީސަކު ހުވާކުރައްވަންޖެހޭނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށް ފާހަގަކުރެއްވިއެވެ.

"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ޚަރަދުތައް އާދަޔާ ޚިލާފަށް އިތުރުވެފައިވާއިރު، 'ޚަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިޚްލާޞްތެރިކަމެއް ނެތް" ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ބަހުސް އަލުން އާރާސްތުވެފައިވަނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަށް ބަދަލުވުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ. ރައީސް މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ އެއްބުރުން ރިޔާސީ އިންތިޚާބު ނިންމުމުން ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެކިވަޑައިގަންނަވާ ގޮތުގައި މިފަދަ މުހިންމު ބަދަލެއް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، މަޝްވަރާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.