މިއަހަރުގެ ކުޑަކުދިންގެ ދުވަސް ތައުލީމީ ވުޒާރާއިން ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަނީ

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ތައުލީމީ ވުޒާރާއިން ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަނީ

Author
ހުސެއިން
17 އޭޕްރިލް 2025 07:57
0

ތަޢުލީމީ ވުޒާރާއިން މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާއިފިއެވެ. މިކަމާގުޅޭގޮތުން މިއަދު މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ޕްރިންސިޕަލުންނާއެކު ބައްދަލުވުމެއް ބާއްވައި، އެފަރާތްތަކުގެ މަޝްވަރާ ހޯއްދަވާފައިވެއެވެ.

މާލޭ ސަރަޙައްދުގައި ހުރިހާ ސްކޫލުތަކުގެ ބައިވެރިވުމާއެކު، ސްކޫލުތަކުން ގުޅިގެން ކުލަގަދަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ ހުރިހާ ރަށްތަކުގެ ޕްރިންސިޕަލުންނާއެކު އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމެއްގައި، އެރަށްރަށުގައި ކުރިއަށްގެންދެވިދާނެ ޙަރަކާތްތަކާ ގުޅޭގޮތުން މިނިސްޓަރ ޚިޔާލު ހޯއްދަވާފައިވެއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ޙަރަކާތްތައް ކުރިއަށްގެންދިޔަ ނަމަވެސް، ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އެކަންކަން އިންތިޒާމުކުރުމަށް މިނިސްޓަރ ވަނީ ޕްރިންސިޕަލުންނަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، އެދުވަހުގެ ހަރަކާތްތައް މެދުވެރިކޮށް ކުޑަކުދިންނަށް އެކުދިންގެ ހައްޤުތައް ކިޔައިދީ، އެކުދިންނާމެދު މައިންބަފައިންނާއި މުޖުތަމަޢު އަދި ޤައުމު ދެކޭ ހުވަފެންތައް ކިޔައިދިނުމަކީ މުހިންމު ކަމެކެވެ.

އަދި މިނިސްޓަރ ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ވީހާވެސް ޚަރަދުކުޑަކޮށް އެދުވަހުގެ ހަރަކާތްތައް ރޭވުމަށް ސްކޫލުތަކަށް އިރުޝާދު ދެއްވާފައެވެ.

މިކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީއިން ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށްގެންދާނެކަމަށާއި، މިޙަރަކާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީއިން އާންމުންނާ ހަމައަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.