އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަށް ކަޅު ތެޔޮ އެޅިކަމަށް ތުހުމަތުކުރެވިފައިވާ މީހާ ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ވަނީ 20 އަހަރުގެ އަޙްމަދު ރިޝްމާ ވޭތުވެދިޔަ މަހު ހައްޔަރުކޮށް، ކޯޓުން 15 ދުވަހުގެ ރިމާންޑް ބަންދަށް ފޮނުވާފައެވެ.
ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ހަމަވުމުން އިއްޔެ އޭނާގެ ރިމާންޑް ބަންދު މުރާޖަޢާކޮށް، ޝަރުތުތަކަކާއެކު މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް ދޫކޮށްލަން ނިންމާފައެވެ.
ކޯޓުން ބުނެފައިވަނީ މި ތުހުމަތުކުރެވޭ ފަރާތަކީ ކުދި ކުށެއްގައި ބައިވެރިވެފައިވާ މީހެއް ކަމަށްވުމާއި، ތަޙްޤީޤަށް އެއްބާރުލުން ދެމުންދާތީ ދޫކޮށްލަން ނިންމީކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ 16 މާރިޗުގެ ރޭ މަންދީ އެމްޑީޕީގެ މުޒާހަރާއިން ނިކުމެގެން ދިޔުމަށްފަހުގައެވެ. ރިޕޯޓުކުރެވިފައިވާ ގޮތުގައި މޫނު ނިވާކުރި ދެމީހަކު ބައިކުން އައިސް އެމްޑީޕީގެ އެކްޓިވިސްޓަށް ކަޅު ތެޔޮ އަޅާފައިވެއެވެ.
މަންދީއަކީ ފަސްޓް ލޭޑީ ސަޖިދާ މުޙައްމަދު، ފަސްޓް ލޭޑީއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ 16 އަހަރުގެ ދަރިފުޅާއި ބެހޭގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން މަދަނީ ދަޢުވާ އުފުލާނެކަމަށް ބުނެފައިވާ ފަރާތްތަކުގެ ތެރެއިން މީހެކެވެ.
ފަސްޓް ލޭޑީ ވަނީ އޭނާގެ ވަކީލުން މެދުވެރިކޮށް، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްގެ އިތުރުން އެމްޑީޕީގެ މައްޗަށްވެސް ދަޢުވާ އުފުލާނެކަމަށް ބުނެފައެވެ.