بسم الله، الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد؛
ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެދަރިން ބޮޑެތިވެ ﷲ އަށް ތަޤުވާވެރި ބަޔަކަށް ވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ދަރިން ބޮޑެތިވެ އުފަލުގައި އުޅޭތަން ދެކުމަކީ ކޮންމެ މައެއް އަދި ބަފައެއް ނުހަނު އެދޭނެކަމެކެވެ. އެހެންކަމުގައިވާނަމަ އެކުދިން ޅައިރު ރަނގަޅު ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.
ދަރިންތަރުބިއްޔަތު ކުރުމަކީ އިސްލާމްދީނުގައި މައިންބަފައިންގެ މައްޗަށް އަމުރުވެގެންވާ ކަމެކެވެ. ޤުރުއާންގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަމަށް އަމުރު ކުރައްވަވާފައިވެއެވެ. ﷲ ވަޙީ ކުރައްވަވާފައިވެއެވެ.
}يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ{ – التحريم 6-
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރައަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."
ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ މި އާޔަތުގައި "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ." ގެ މާނަޔަކީ؛ ނަރަކައިން ސަލާމަތް ވުމަށް، އެކަކު އަނެކަކަށް ހެޔޮ ޢަމަލުތަކަށް ވަސިއްޔަތް ކުރުމާއި އެކު، އަޅުކަން ކުރުމުގައި ﷲ އަށް ކިޔަމަންތެރިކަން ޢަދާކުރުމެވެ. އަދި އަހުލުންނަށް ހެޔޮ ޢަމަލު ދަސްކޮށް ދިނުންމެވެ.
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގައި އެންމެ މުހިންމު ކަމެއްދޭންޖެހެނީ އެކުދިން ރަނގަޅު އަޤީދާއެއްގެ މަތީގައި ބޮޑެތިވާ ކުދިންތަކަކަށް ހެދުމަށެވެ. އަޅުކަންތައް ތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައިވަންތަ ކުރުމަކީ އިންސާނުން ދުނިޔަށް އަށް ފޮނުއްވުމުގެ މަޤުސަދުކަން އެކުދިންނަށް ކިޔައިދޭންޖެހެއެވެ. އެހެންވުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުން ނަފީކުރާ އެންމެހާ ކަންކަން ދެނެގަނެ އެކަން ކަން ދަރިންނަށް އުނގަންނައިދޭންޖެހެއެވެ. ލުޤުމާންގެފާން، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭޙަތުގައި ވެސް އެންމެ ފުރަތަމަ ބަޔާން ކުރެއްވީ ﷲ އަށް ޝިރުކުކުރުމުން ދުރުވެގަތުމަށެވެ. ޤުރުއާންގައި ﷲ ވަޙީ ކުރައްވަވާފައިވެއެވެ. }وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّـهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ{ -سورة لقمان 13-
މާނައީ: އަދި ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.
ލުޤުމާންގެފާން، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭޙަތަކީ، ދަރިން ތަރުބިއްޔަތު ކުރުމުގައި އެތައް ގޮތަކުން ޢިބުރަތްލިބިގަނެވިދާނެ ނަސޭޙަތެކެވެ. ޤުރުޢާނުގައިވާ ޢިބުރަތްތެރި ވާހަކަ ތަކުގެ ލުޤުމާންގެފާން، އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތަކީ ފާހަނގަކޮށްލެވޭ ވަހަކައެކެވެ. އަދި އެނގިގަތުން ނުހަނު މުހިންމު މަތުވެރި ވެގެންވާ ނަސޭޙަތެކެވެ. އަދި މި މަތެވެރިވެގެންވާ ނަސޭޙަތުގައި، ޢަޤީދާ ރަނގަޅު ކުރުމާއި، ﷲ އަށް ތަޤުވާވެރި ވުމާއި، ރިވެތި އަޚްލާޤު، ޖަމަޢް ވެގެންވެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ސިއްރާއި ފާޅުގައި ތަޤުވާވެރިވުމަށް ނަސޭހަތްދެއްވާ ލުޤުމާންގެފާން ވިދާޅުފައިވެއެވެ.
}يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّـهُ ۚ إِنَّ اللَّـهَ لَطِيفٌ خَبِيرٌ{ -سورة لقمان 16-
މާނައީ: "އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ އަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ޤިޔާމަތް ދުވަހުން) اللَّه އެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
މި އާޔަތް ތަކުން ދަރިންނަށް ނަސޭހަތް ދިނުމުގައި އޯގާތެރިވުން ބަޔާންވެގެންދެއެވެ. އޯގާތެރިކަމާ، މަޑުމައިތެރިކަމާއި ކެތްތެރިކަމަކީ ދަރިން އަދަބު ވެރިކުރުމުގައި ވަރަށް މުހިންމު ކަންކަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ. "إِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ" -رواه البخاري- މާނައީ: "އެންމެހާ ކަންކަމުގައި އޯގާތެރިވުމަށް ﷲ ލޯބި ވޮޑިގަންނަވައެވެ." އޯގާތެރިކަމާއި މަޑުމައިތެރިކަމާއި އެކު ހެޔޮ ޢަމަލު ކުރަން ދަސްކޮށްދީ، ހެޔޮ ޢަމަލު ކުރުމަށް ނަސޭހަތް ދިނުމަކީ ޤުރުއާނާއި ސުންނަތުން މައިންބަފައިންނަށް އަމުރުކުރެވިގެންވާ ކަންކަމެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްގައި ވެއެވެ. "مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ" – رواه أبو داويد- މާނައީ " ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރު ކުރާށެވެ"
ނަމާދު ނުކޮށް ހުރެ ނަމާދު ކުރުމަށް އަމުރު ކުރުމަކީ ނުވަތަ ނަސޭހަތްތެރި ވުމަކީ ހަމަޖޭހޭކަމެއް ހެއްޔެވެ؟ ނަމާދު ކުރުމާއި އެހެނިހެން އަޅުކަންތަކަށް ދަރިންނަށް އަމުރުކުރާއިރު، މައިންބަފައިންނަކީ އެފަދަ އަޅުކަންތަކަށް ފަރުވާތެރިވާ ބަޔަކަށް ވުމަކީ ތަރުބިއްޔަތު ކުރުމުގެ އެއް އަސާސެވެ. އެއީ އެއީ ކުޑަ ކުދިންނަކީ އެ ކުދިންގެ މައިންބަފައި އުޅޭގޮތައް އުޅެން ލޯބި ކުރާބަޔަކަށް ވާތީއެވެ. ނުވަތަ ބޮޑުވަމުން އަންނަ ކުއްޖާއަކީ، އެ ކުއްޖާ އުޅޭ މާޙައުލުން ކަންކަން ދަސްކުރާނެތީއެވެ.
މައިންބަފައިން ޙާއްސަކޮށް ބައްޕަ ނަމާދުކުރާތަން ފެންނަ ކަމުގައިވާނަމަ، ނަމާދުކުރުމަށް އެކުދިން ލޯބި ޖެހޭނެއެވެ. މައިންބަފައިން ޤުރުޢާން ކިޔަވާނަމަ އެ ކުދިން ޤުރުޢާން ކިޔަވާ ހިތްވާނެއެވެ. އަދި ޤުރުއާންގެ ލަފްޒުތައް ކިޔަން ދަސްކޮށްދޭފަދައިން، ޤުރުއާންގައި ބަޔާންވެގެންވާ ޢިބުރަތްތެރި ވާހަކަތައް އެކުދިންނަށް ކިޔައިދޭނަމަ، ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަން އެކުދިންނަށް ލިބޭނެކަން ޔަޤީނެވެ. އެހެންވުމުން، ހެޔޮ ގޮތުގައި ދަރިންތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަކީ ނަމޫނާ ބަޔަކަށްވުން ވަރަށް މުހިންމެވެ.
ޙަޤީޤީ އުފާވެރިކަމަކީ ތަޤުވާވެރިންނަށް ވާ އެއެޗެކެވެ. ދަރިންނަކީ ﷲ އަށް ތަޤުވާވެރި ބަޔަކަށް ވެއްޖެނަމަ، އަޅުގަނޑުމެން ދުނިޔެއާއި ވަކިވެ ޢަމަލުތައް މެދުކެނޑުނު ކަމުގައި ވިޔަސް އެ ދަރިންގެ ދުޢާތައް ވާނީ އަޅުގަނޑުމެންނާއި އެކުގައެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ތަޥްފީޤު، ﷲ އަޅުގަނޑުމެންނަށް ދެއްވާށި! އާމީން