މުލިއާގޭ ބަޖެޓުން ރައީސަށް ބޮޑު ޚަރަދެއް ކުރާކަމުގެ ވާހަކަތައް ދޮގުކޮށްފި

މުލިއާގޭ ބަޖެޓުން ރައީސަށް ބޮޑު ޚަރަދެއް ކުރާކަމުގެ ވާހަކަތައް ދޮގުކޮށްފި

Author
ހުސައިން
12 އޭޕްރިލް 2025 07:00
0

މުލިއާގޭގެ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަމަށް ބުނެ ބައެއް މީޑިއާއިން ފަތުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

ޗެނަލް-13 ފަރާތުން މިމަހުގެ 11 ވަނަ ދުވަހު ފަތުރާފައިވާ ޚަބަރެއްގައި، ރައީސް ކޭން ބެއްލެވުމަށް ހަފްތާ ބަންދުގައި އާރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާކަމަށް ބުނެ، ރައީސްގެ ކަންކަމަށް މުލިއާގޭގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން، ރިޔާސީ ގަނޑުވަރުގެ ކަންކަން ބަލަހައްޓަވާ ވަޒީރު އިޤްބާލް އާދަމް ވިދާޅުވީ، މިއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ޚަބަރެއްކަމަށެވެ. އަދި މިފަދަ ޚަބަރު ފެތުރުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުލިއާގޭގެ ބަޖެޓުން ހޭދަކުރެއްވުމުގައި ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރީއްކޮޅާއި އެޒާތުގެ ކަންކަމަށް ކުރައްވާ ޚަރަދުތަކާ އަޅާބަލާއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަކަމަށެވެ.

"އަޅުގަނޑު ކަންކަން ކުރަނީވެސް އެމަނިކުފާނު ދެއްވި ލަފާފުޅާ އެއްގޮތްވާގޮތުގެ މަތިން. އެހެންވީމަ ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ. އަމްދުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ހިސާބުގައި އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް މިކަހަލަ ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަންކަން," މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވިއެވެ.

އިޤްބާލް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑަށް ޚަރަދު ކުޑަކުރުމަށް ބާރުއަޅުއްވަމުން ގެންދަވާކަމަށާއި، މުލިއާގޭގެ ޚަރަދުތައްވެސް އެ އުޞޫލުން ބަލަހައްޓަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.