ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަމީން ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުންގެ އާންމު މުސާރައާ އަޅާބަލާއިރު މަޖިލިސް މެންބަރުންގެ މުސާރައިގައި ވަރަށް ބޮޑު ތަފާތެއް ހުރިކަމަށެވެ. އެހެންނަމަވެސް މުސާރަ ކުޑަކުރުމަށް މެންބަރުންގެ ވިސްނުން ތަފާތުކަމަށާއި، ބައެއް މެންބަރުން ދެކޭގޮތުގައި މުސާރައަށް ބަދަލު ގެންނަންޖެހޭނީ ކާރިސާއެއް ދިމާވެގެން ނުވަތަ އާ ދައުރެއް ފެށޭއިރުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު އަމީން ފައިސަލް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތަކުގެ ވާހަކަ ދައްކަނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ސަރުކާރަށް ހޯދައިނުދެވޭތީކަމަށެވެ. އަދި ބައެއް ސަރުކާރު ކުންފުނިތަކުގެ ޑިޕާޓްމަންޓް މެނޭޖަރުންނަށް ވެސް 45,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދެއް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭކަން ފާހަގަކުރެއްވިއެވެ.
"މުޅި ސަރުކާރުން ޚަރަދުކުޑަކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ހަމަކުރުން ރަނގަޅު ކަމެއް" ކަމަށް އަމީން ފައިސަލް ވިދާޅުވިއެވެ.
އިރުއިރުކޮޅާ މަޖިލީހުގެ ތަޅުމުގައި މުސާރަ ކުޑަކުރުމަށް ބަހުސްކުރެވިފައިވީނަމަވެސް މެންބަރުންގެ ތާއީދު ލިބިފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 82,500 ރުފިޔާ ލިބެއެވެ.