މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނުގެ ޝަރީއަތް: އެކައުންޓަށް ސަޕްލަޔަރަކު ފައިސާ ޖަމާކުރިކަމަށް އޭނާގެ ބޭބެ އިއުތިރާފް ވެއްޖެ

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނުގެ ޝަރީއަތް: އެކައުންޓަށް ސަޕްލަޔަރަކު ފައިސާ ޖަމާކުރިކަމަށް އޭނާގެ ބޭބެ އިއުތިރާފް ވެއްޖެ

ގުޅުންހުރި

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި އަބްދުﷲ މައުމޫން (މާން)ގެ މައްޗަށް ކުރެވިފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް ކުރިއަށްދާއިރު، އެ ކުންފުނީގެ ސަޕްލަޔަރެއް ކަމުގައިވާ ތްރީޑީއެޗް އިންޓަނޭޝަނަލުން އަބްދުﷲ މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް އަހުމަދު ހަމީދު މިއަދު ކޯޓުގައި ހެކިބަސް ދީފިއެވެ.

ދައުލަތުން އަބްދުﷲ މައުމޫނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ޖުމްލަ ހަތް ދައުވާއެއް ކުރަމުންދަނީ ތްރީޑީއެޗާ އެކު ހިންގާފައިވާ ހަތް މުއާމަލާތެއްގެ މައްސަލާގައެވެ. އޭގެތެރެއިން އެއް ދައުވާގައި ހިމެނޭ މުއާމަލާތަކީ އަހުމަދު ހަމީދުގެ އެކައުންޓަށް ޖަމާކުރި ފައިސާއެވެ.

ދައުލަތުން ކުރާ ހަތްވަނަ ދައުވާގައި ބުނާގޮތުން، މި މުއާމަލާތް ހިންގާފައިވަނީ 8 އޮކްޓޯބަރު 2017 ގައެވެ. އަބްދުﷲ މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް މި ދައުވާގައި ބުނެފައިވެއެވެ.

މިއަދު ކޯޓަށް ހާޒިރުކޮށް ހެކިބަސް ދެމުން އަހުމަދު ހަމީދު ވިދާޅުވީ އޭނާގެ އެކައުންޓަށް އެ އަދަދަށް ފައިސާ ޖަމާކުރެވިފައިވާ ކަމަށެވެ. އެއީ އޭނާގެ ދަރިފުޅު އިނގިރޭސިވިލާތުގައި ކިޔަވަން ބޭނުންވާ ޓިއުޝަން ފީއަށް ފައިސާ ހޯދަން މަސައްކަތް ކުރި ދުވަސްވަރެއް ކަމަށްވެސް ވިދާޅުވިއެވެ.

އަހުމަދު ހަމީދު ވިދާޅުވިގޮތުގައި ފައިސާ ހޯދުމަށް އޭނާ ވާހަކަ ދައްކާފައިވަނީ އަބްދުﷲ މައުމޫނުގެ މަންމަ ކައިރީގައެވެ. އަބްދުﷲ މައުމޫނާ ދުވަހަކުވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ހިމެނޭގޮތަށް، ބައްޕަގެ ދަރިންގެ ތެރެއިން އަނެއްބައި ދަރިންނާވެސް ގުޅުން ވަރަށް ކުޑަކަމަށް އަހުމަދު ހަމީދު ވިދާޅުވިއެވެ.

އަހުމަދު ހަމީދު ވިދާޅުވީ ފުރަތަމަ އޭނާ ހީކޮށްފައިވަނީ އެއީ އަބްދުﷲ މައުމޫނު ދިން ފައިސާއެއް ކަމަށާއި، އެއީ އޭނާގެ މަންމަ އެގޮތަށް ބުނެފައިވާތީއާއި، ހަމީދުގެ ދޮންމަންމަ މެދުވެރިވެގެން ފޮނުވި ފައިސާއެއް ކަމަށް ހީކޮށްގެންނެވެ. ނަމަވެސް ފަހުން އެނގުނީ އެއީ ހަމީދުގެ އެކުވެރި ލަންކާގެ ވިޔަފާރިވެރިޔަކު ފޮނުވި ފައިސާކަން ކަމަށް އޭނާ ޝަރީއަތުގައި ވިދާޅުވިއެވެ.

"އަބްދުﷲ މައުމޫނާ ވާހަކަ ދެއްކި ހަނދާނެއް ނެތް. މިކަން ހިނގިތާ ވެސް އެހާ ގިނަ ދުވަސްވެއްޖެ. އަޅުގަނޑަކަށް ހިއެއް ނުވޭ ދައްކާނެ ހެނެއް ވެސް. އަބްދުﷲ މައުމޫނާއި އެ އާއިލާއާ އެހާ ގުޅުމެއް ވެސް ނެތް. ލޭގެ ގުޅުން އޮތަސް ވަރަށް ދުރު،" އަހުމަދު ހަމީދު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ހައްވާ ނާހީ ޝަރީއަތުގައި ފާހަގަކުރެއްވީ އަހުމަދު ހަމީދު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދެއްވި ބަޔާނުގައި އަބްދުﷲ މައުމޫނާ ވާހަކަ ދައްކަވާފައިވާ ކަމަށާއި އެއް ލެޔެއް ކަމަށް ވާތީ ފައިސާ އަނބުރާ ނުދިނަސް އެންމެ ރަނގަޅު ވާނެ ކަމަށް އަބްދުﷲ މައުމޫން ވިދާޅުވި ކަމަށް ބުނެފައިވާ ކަމަށެވެ. މިއީ ހެކިބަހާ ފުށުއަރާ ކަމެއް ކަމަށް ވަކީލު ފާހަގަކުރެއްވުމާއެކު، އަހުމަދު ހަމީދުގެ ސޮޔާއި އިނގިލީގެ ނިޝާންވެސް އޮތް އެ ބަޔާނުގައި ބުނެފައިވާ ވާހަކަތަކާ ދިމާ އިދިކޮޅަށް ހެކިބަސް ދެއްވާފައިވާތީ، އެއީ އެއްބާރުލުން ނުދޭ ހެއްކެއްގެ ގޮތުގައި ކަނޑައަޅަން ދައުލަތުގެ ވަކީލު ބޭނުންވާ ކަމަށް ފާހަގަކުރެއްވިއެވެ.

އަބްދުﷲ މައުމޫނުވެސް ޝަރީއަތުގައި ވިދާޅުވީ އަހުމަދު ހަމީދާ މާ ގާތް ގުޅުމެއް ނޯންނަ ކަމަށެވެ. ހަޔާތުގައި ދިމާވެފައިވަނީވެސް ދެތިން ފަހަރަކު ކަމަށް ވިދާޅުވިއެވެ. އަދި އަހުމަދު ހަމީދުގެ އެކައުންޓަށް ތްރީޑީއެޗުން ފައިސާ ޖަމާވެފައިވާކަން އެނގުމުން ހައިރާންވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލާގައި ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިންމާލައިފައެވެ. މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދިނުން ކަމަށެވެ.

އަބްދުﷲ މައުމޫނުގެ މައްޗަށް ކުރާ އެހެން ހަ ދައުވާގައި ބުނެފައިވާގޮތުން، ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. މިގޮތުން ހިންގިކަމަށް ބުނާ މުއާމަލާތްތަކުގެ ތެރޭގައި ހިމެނެނީ 2016 އާއި 2017 ގެ ތެރޭގައި ހިންގިކަމަށް ބުނާ މުއާމަލާތްތަކެކެވެ. މިގޮތުން އަބްދުﷲ މައުމޫނުގެ އަމިއްލަ އެކައުންޓުތަކަށާއި، އޭނާއާ ގުޅުންހުރި ކުންފުނިތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ