ޗައިނާއިން އެތެރެކުރާ މުދަލުގެ ޓެރިފް %125 އަށް އިތުރުކޮށް، އެހެން ގައުމުތަކަށް %90 ގެ މުހުލަތެއް ދީފި

ޗައިނާއިން އެތެރެކުރާ މުދަލުގެ ޓެރިފް %125 އަށް އިތުރުކޮށް، އެހެން ގައުމުތަކަށް %90 ގެ މުހުލަތެއް ދީފި

ގުޅުންހުރި

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ޓެރިފް 125 އިންސައްތައަށް އިތުރުކުރަން ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާންކުރައްވައިފިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ދިގު މުއްދަތެއް ވަންދެން ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ އާ ބާބެއްކަމުގައި އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.

ރައީސް ޓްރަމްޕް މިކަން ހާމަކުރެއްވީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. "ދުނިޔޭގެ މާކެޓްތަކަށް ޗައިނާއިން ދައްކާފައިވާ ހުތުރު އަދަބުގެ ސަބަބުން، އެމެރިކާއިން ޗައިނާގެ މުދަލަށް ނަގާ ޓެރިފް 125 އިންސައްތައަށް މިހާރުން މިހާރަށް އިތުރުކުރަން ނިންމައިފިން،" ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

އޭނާގެ ބަޔާނުގައި، "އެމެރިކާއާއި އެހެން ޤައުމުތަކުގެ އަތުން ފައިދާ ނެގުމުގެ ދުވަސްތައް ނިމުމަކަށް އައިސްފައިވާކަން ޗައިނާއިން ޤަބޫލުކުރާނެ ދުވަހެއް އަންނާނެކަމަށް އުއްމީދުކުރަން،" ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ޗައިނާއާމެދު ހަރުކަށި ފިޔަވަޅު އަޅުއްވަމުންވެސް، ޓްރަމްޕް ވަނީ 75 އަށްވުރެ ގިނަ ޤައުމަކަށް ޚާއްޞަ ލުއިތަކެއް ދެއްވާފައެވެ. މި ޤައުމުތަކަށް 90 ދުވަހުގެ މުއްދަތެއް ދެއްވައި، އެ މުއްދަތުގެ ތެރޭގައި ޓެރިފް އަދަދު 10 އިންސައްތައަށް ތިރިކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. މިއީ އެ ޤައުމުތަކުން އެމެރިކާއާއެކު ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާތީ ދެއްވި ލުޔެއްކަމުގައި ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

މި އިޢުލާނަކީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް ފެށިގެން އައި އެމެރިކާއާއި ޗައިނާގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ އާ ބާބެއްކަމަށް ބެލެވެއެވެ. އަދި މި ނިންމުމުގެ ސަބަބުން ދެ ބޮޑެތި އިޤްތިޞާދީ ބާރުގެ ގުޅުން އިތުރަށް ގޯސްވެ، ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް އިޤްތިޞާދީ ތަޙްލީލުކުރާ ފަރާތްތަކުން ވަނީ ބިރުފާޅުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ