ގޭސް އެތެރެކުރުމަށް އެޑްވާންސްގެ ގޮތުގައި ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ އޭސީސީން ބަލަނީ

ގޭސް އެތެރެކުރުމަށް އެޑްވާންސްގެ ގޮތުގައި ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ އޭސީސީން ބަލަނީ

ގުޅުންހުރި

މޯލްޑިވް ގޭހުން ޑޮލަރުން 240,000 (3.7 މިލިއަން ރުފިޔާ) ބޭރުގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދެއްކުމަށްފަހު ގޭސް ޝިޕްމަންޓް ނުލިބި އަދި ފައިސާވެސް އަނބުރާ ނުލިބި ގެއްލިފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

މި މައްސަލަ ފެންމަތިކުރެއްވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. މިކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ "މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައިވާ. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ."

އެނގިފައިވާ ގޮތުގައި، ގޭސް ގަންނަން ކަމަށް ބުނެ ބޭރުގެ ކުންފުންޏަކަށް މޯލްޑިވް ގޭހުން ދައްކާފައިވަނީ 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އެވެ. އެކަމަކު ގޭސް ޝިޕްމަންޓެއް ނުލިބުނެވެ.

މަޖިލީހުގެ ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވީ، އެއްވެސް ގެރެންޓީއެއް ނުހޯދައި ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިނުމަކީ ޕީސީބީން ކަނޑައަޅާފައިވާ ޕްރޮކިއުމަންޓުގެ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި މިފަދަ ގޮތަކަށް ކަންކަން ކުރާ ފަރާތްތައް ޒިންމާދާރުކުރަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ބަލަން ކުންފުނިތަކުގެ ޕްރޮކިއުމަންޓް ކަންކަން މިހުރީ ޕީސީބީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްތޯ. މިކަހަލަ ހާއްސަ ކަންކަން އެބަ ޖެހޭ ބަލަން." ނާޒިމް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭސީސީގެ އޮފިޝަލެއް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ކޮމިޝަނުން މިކަމާ ގުޅޭ މައްސަލައެއް ބަލަމުން އަންނަކަން ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަފްސީލު ނުވަތަ މައްސަލަ ހުށަހެޅުނު އިރެއް ހާމައެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ