ބްރޯޑްކޮމް ބޯޑުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ބްރޯޑްކޮމް ބޯޑުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ގުޅުންހުރި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ބޯޑުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ފުރުޞަތު ހުޅުވާލާފައިވަނީ ބްރޯޑްކޮމްގެ މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީއެވެ. އިޢުލާނުގައި މަޢުލޫމާތު ދީފައިވާ ގޮތުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމުތަކާއި އިޤްރާރު އަދި ކުށާއި ދަރަނީގެ ރެކޯޑު ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އާ ދެމެދުއެވެ.

މި މަޤާމް ހުސްވެފައިވަނީ ބްރޯޑްކޮމްގެ ނައިބު ރައީސް އަދި މެންބަރު މުޙައްމަދު ފަޒީން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒީންގެ އިސްތިޢުފާ ދެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރިމަތިވުމާ ގުޅިގެން އޭނާގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުންދަނިކޮށެވެ.

ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި، ފަޒީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ. ފަޒީން އިސްތިޢުފާ ދެއްވީ މި މައްސަލައިގައި އޭނާ ވަކިކުރުމާ މެދު ކޮމިޓީން ވަކި ގޮތެއް ނިންމަން ފާސްކުރުމަށްފަހުގައެވެ.

މި މައްސަލައިގައި ޖިންސީ ފުރައްސާރަ އަމާޒުވި ކަމަށް ބުނާ މުވައްޒަފު "މިހާރު" ނޫހަށް ކުރިން ދެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވަނީ، ތަކުރާރުކޮށް އެކި ފަހަރުމަތިން އޮފީސް ތެރޭގައި ފަޒީންގެ ފަރާތުން ފުރައްސާރައާ ކުރިމަތިވެފައިވާ ކަމަށެވެ. މި ކަމުގެ ސަބަބުން ނަފްސާނީގޮތުން ބޮޑަށް އަސަރުކޮށް، އޮފީހަށް ނުކުތުން ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް އެ މުވައްޒަފު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ