އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް ނަޝީދު ކުރެއްވި ގޮވާލުމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ތާއީދުކުރައްވައިފިއެވެ.
ފައްޔާޒު މިކަން ހާމަކޮށްފައިވަނީ އޮންލައިން ނޫސް އަދަދުއަށް މައުމޫމާތު ދެއްވަމުންނެވެ.
"ހުރިހާ އެންމެން ގުޅިގެން ވިޔަސް އެބަޖެހޭ ސަރުކާރު ހަމަ މަގަށް އަޅުވަން. އަޅުގަނޑުމެން ޕާޓީން އަބަދުވެސް ގެންގުޅޭ ސްޓޭންޑަކީ އަޅުގަނޑުމެންނާ އެއްކޮށް މިނިވަން ޑިމޮކްރެޓިކް މަސައްކަތް، ދިވެހި ރާއްޖޭގަ ޑިމޮކްރަސީ ދަމަހައްޓަން މަސައްކަތް ކުރަން ތިބި ހުރިހާ ބަޔަކާ އެކުވެސް މަސައްކަތް ކުރުން،" ފައްޔާޒް އަދަދު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވިގޮތުގައި ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެންފިނަމަ މަރުހަބާ ދަންނަވާނެއެވެ. އެހެންނަމަވެސް، އެމްޑީޕީން ވަކިވެވަޑައިގެން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ނަޝީދު ކުރެއްވި ކަންތައްތަކާ ގުޅިގެން ޕާޓީގެ މެންބަރުންގެ މެދުގައި އެމަނިކުފާނާ މެދު ނުރުހުންތަކެއް ހުރިކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި ހިތްހަމަ ނުޖެހުން ރައީސް ނަޝީދު އާ ދޭތެރޭގަ. މި ވޭތުވެދިޔަ ކަންތައްތަކުގެ ދިމާވި ކަންތަންތަކުގަ ހިތްހަމަ ނުޖެހުން އެބަހުރި މެންބަރުންގެ. ދެން ރައީސް ނަޝީދުގެ ކަމެއް ދެއްތޯ އެއީ އަޅުގަނޑުމެންގެ މެންބަރުންގެ ހިތްހަމަޖެހުން ހޯއްދެވުން. [އެމްޑީޕީއަށް] ހަމަ އާދެވޭނެ ކޮންމެ ބޭފުޅަކަށް ވެސް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ފާހަގަކުރެއްވީ ސަރުކާރާ ދެކޮޅަށް އެހެން ޕާޓީތަކާއި ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައި ކަމަށެވެ. އަދި މިކަމުގައި އެމްޑީޕީން ގެންގުޅޭ ސިޔާސަތު ސާފުކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.