އެމެރިކާއަށް އެހެން ގައުމުތަކުން އެތެރެކުރާ މުދަލުގެ ޓެރިފަށް ގެނައި ބަދަލާ ގުޅިގެން ރާއްޖެއިން އެ ގައުމަށް މުދާ އެކްސްޕޯޓުކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރާއްޖޭގެ އެކްސްޕޯޓަރުން ބުނެފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމަށް އެތެރެކުރާ މުދަލުގެ ޓެރިފްގެ އަދަދުތައް ކަނޑައެޅުއްވިއިރު، ރާއްޖެ ހިމެނިފައިވަނީ 10 ޕަސެންޓްގެ ޓެރިފް ނަގާ ގައުމުތަކުގެ ތެރޭގައެވެ. މިއީ އެންމެ ކުޑަކޮށް ޓެރިފް ނަގާ ގައުމުތަކެވެ.
ރާއްޖެއިން މުދާ އެކްސްޕޯޓުކުރާ ތަޖުރިބާކާރުން ބުނެފައިވަނީ އެމެރިކާއަށް ފްރޯޒަން ޓޫނާ އެކްސްޕޯޓުކުރާއިރު އެންމެ ބޮޑު ވިޔަފާރީގެ ވާދަވެރިންނަކީ ވިއެޓްނާމާއި ފިލިޕީންސްއާއި ސްރީލަންކާއާއި އިންޑޮނޭޝިއާ ފަދަ ގައުމުތައް ކަމަށެވެ. އެމެރިކާއިން ވިޔަފާރިއާ ގުޅޭ ޓެރިފްތަކަށް ގެނައި ބަދަލާ ގުޅިގެން، ވިއެޓްނާމުގެ އެކްސްޕޯޓަރުން އެމެރިކާއަށް އެތެރެކުރާ މުދަލަށް 46 ޕަސެންޓް ޓެރިފް ދައްކަންޖެހެއެވެ. ސްރީލަންކާއިން 44 ޕަސެންޓްގެ ޓެރިފް ދައްކަންޖެހޭއިރު، އިންޑޮނޭޝިއާއިން 32 ޕަސެންޓް، އަދި ފިލިޕީންސްއިން 17 ޕަސެންޓްގެ ޓެރިފަށް ފައިސާ ދައްކަންޖެހެއެވެ.
ކުރިން އެމެރިކާއަށް އެއްވެސް ޓެރިފަކާ ނުލައި އެކްސްޕޯޓުކުރިނަމަވެސް ޓްރަމްޕް ގެނައި މިބަދަލާއެކު ވިއެޓްނާމުން 40 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ޓެރިފަށް ދައްކަންޖެހުމުން، އެ ތަންތަނުގެ އެކްސްޕޯޓުކުރާ ފަރާތްތަކުން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުވާނެއެވެ. ނަމަވެސް، މި ބަދަލާއެކުވެސް ރާއްޖެއިން މިހާރެކޭވެސް އެއްފަދައިން އަގުތަކަށް މާ ބޮޑު ބަދަލެއް ނުގެނެސް، އެމެރިކާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރެވޭނެއެވެ.
ރާއްޖެއިން އެމެރިކާއަށް ރޯ މަސް އެކްސްޕޯޓްކުރާ ފަރާތްތަކުން ވިދާޅުވެފައިވަނީ އެ ކުންފުނިތަކުން ރޯ މަސް އެމެރިކާއަށް އެކްސްޕޯޓުކުރި ނަމަވެސް އެކްސްޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ސަބަބަކީ ބޭނުންވާ ސައިޒާއި ކޮލިޓީގެ މަސް ނުލިބުންކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭ ރާއްޖޭގެ މަހުގެ އެކްސްޕޯޓު ވަނީ 50 ޕަސެންޓަށް ދަށްވެފައެވެ. އެމެރިކާއިން ނަގާ ޓެރިފަށް ބަދަލު ނުގެނައި ނަމަވެސް، އެކަމުން ރާއްޖެއަށް ފައިދާ ހޯދޭނީ އެކްސްޕޯޓުގެ އަދަދު އިތުރުކުރުމުން ކަމަށް ރާއްޖެއިން މުދާ އެކްސްޕޯޓުކުރާ ފަރާތްތަކުން ވިދާޅުވެއެވެ. ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއިން އެމެރިކާއަށް ގާތްގަނޑަކަށް 4 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން ހުއިފިލަނޑާވެސް ހިމެނެއެވެ.