ބޭބެއަށް ވަޅިން ހަމަލާދިން ކޮއްކޮ ހައްޔަރު ކޮށްފި

ބޭބެއަށް ވަޅިން ހަމަލާދިން ކޮއްކޮ ހައްޔަރު ކޮށްފި

ގުޅުންހުރި

މީގެ ފަސް އަހަރު ކުރިން ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާދީ ބޮޑަށް ޒަޚަމްކޮށްލި މައްސަލައިގައި 10 އަހަރަށް ޖަލަށްލި ރ. މަޑުއްވަރީ މީހެއްކަމަށްވާ އިސްމާއިލް އާސިފް އޭނާގެ ބޭބެއަށް ވަޅިން ހަމަލާދިން މައްސަލައެއްގައި ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މަޑުއްވަރީގައި ރޭ 11:30 ހާއިރު ދެމީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ރިޕޯޓްކުރެވި، 35 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ފުލުހުން އޭނާގެ ވަނަވަރު ހާމަނުކުރި ނަމަވެސް، އެނގޭ ގޮތުގައި އެއީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލަނޑާނަގާ ދޯންޏެއްގައި ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިން އިސްމާއިލް އާސިފެވެ.

އާސިފްގެ މައްޗަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ތަންފީޒުކުރަން އޮތީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ހުރީ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ބުނެ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ދޫކޮށްލާފައެވެ.

ރޭގެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވެއެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

މަޑުއްވަރީން "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނެފައިވަނީ މާރާމާރީ ހިނގަން މެދުވެރިވީ، ހަމަލާދިން މީހާ 20ރ. ބޭނުންވެގެން އޭނާގެ ބައްޕަ ކައިރީ ބުނުމުން ކަމަށެވެ. "ރުފިޔާ ބޭނުންވެގެން ބައްޕަ ކައިރީގައި ބުނީމާ، ދެން ހުރި މީހާ އެ އާއިލާގެ އެހެން މީހުންނަށް ގުޅާފައި މި ބުނަނީ އޭނާ ބައްޕަ ކައިރީގައި 20ރ. ދޭން ބުނެފިއޭ. ފަހަރަކު މީހަކަށް ކަހަލަ ގޮތަކަށް ގުޅާފައި ބުނަނީ އެހެން. އެ އަޑު މި އިވެނީ އެ ފިރިހެން މީހާއަށް. އެކަމާ ރުޅިއައިސްގެން ވަޅިން ހަމަލާދިނީ," ރަށުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ. އަދި މި ހަމަލާގައި ވަޅި ހެރިފައި ހުރީ ފުންކޮށެއް ނޫންކަމަށާއި، އަނިޔާވި މީހާ ފުލުހުން ކައިރީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

އާސިފާއެކު 2019 ވަނަ އަހަރު ހައްމާދު ވެސް ހައްޔަރުކުރެވުނެވެ. ހައްމާދު ހައްޔަރުކުރީ ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައެވެ. އެ މައްސަލައިގައި ހައްމާދަށް 14 އަހަރުގެ ހުކުމެއް އިއްވިއެވެ. މި ދެމީހުންގެ މެދުގައި އޭރު މާރާމާރީ ހިންގީ ރިސޯޓްތަކާއި ބައެއް ރަށްތަކުގެ ވަގަށް ނަގާ ތަކެއްޗަކީ ޣަނީމާ މުދާ ކަމަށް ބުނެ ކުރި ވައްކަމެއް ފަޅާއެރުމުން އެކަމުގެ ޒިންމާ ނަގަން ހައްމާދު އިންކާރު ކުރުމުން ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން އޭރު ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ