މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަހަރުގެ ފިތުރު ޢީދު ދުވަހުން ފެށިގެން ޕިކްނިކް އައިލެންޑް ކުޑަގިރިއަށް ފެރީގެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ. މިފަދައިން ނިންމާފައިވަނީ ކުޑަގިރިއަށް އޮންނަ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދަތުރުކުރާ ފަރާތްތަކަށް އިތުރު ފުރިހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައިކަމަށް އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ޢީދު ދުވަހަށް ޚާއްސަކޮށް، މާލެއިން ކުޑަގިރިއަށް ހެނދުނު 9:00 އަދި 10:30 ގައި ދަތުރުތައް ކުރިއަށްދާއިރު، ކުޑަގިރިން މާލެއަށް ހަވީރު 4:00 އާއި 5:30 ގައި ދަތުރުތައް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ޢާންމު ދުވަސްތަކުގައި މި ފެރީ ޚިދުމަތް ލިބެން ހުންނާނީ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައެވެ. އެގޮތުން މާލެއިން ކުޑަގިރިއަށް ހެނދުނު 6:30، 8:00 އަދި 9:30 ގައި ދަތުރުތައް ފެށޭނެއެވެ. އަދި ކުޑަގިރިން މާލެއަށް ހަވީރު 4:00، 5:30 އަދި 7:00 ގައި ދަތުރުތައް ކުރިއަށްދާނެއެވެ.
އެމްޓީސީސީގެ އެއަރކޮންޑިޝަން ކުރެވިފައިވާ ފެރީތަކުގައި ކުރާ މި ދަތުރަށް ކޮޅަކަށް 70 ރުފިޔާ ނެގޭނެއެވެ. އަދި ދަތުރުގެ ދިގުމިނަކީ 35 މިނެޓެވެ. ކުޑަގިރިއަށް ދަތުރުކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އެސްޓީއެލްގެ އޮންލައިން ޕޯޓަލް stl.mtcc.mv މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ. ފިތުރު ޢީދު ދުވަސް ކަށަވަރުވުމާއެކު، ޢީދު ދުވަހުގެ ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.
އެމްޓީސީސީން މި ޚިދުމަތް ތަޢާރަފުކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ފައިދާވާނެކަމަށް ލަފާކުރެވެއެވެ. މީގެ ސަބަބުން ކުޑަގިރިއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ރަށުގެ ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބޭނެކަމަށް ބެލެވެއެވެ.