އިންޑިއާގެ ނިއުސް ނައިން އިންތިޒާމުކޮށްގެން ބޭއްވުނު ގްލޯބަލް ސަމިޓް 2025 ގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ. މި ސަމިޓްގައި ޝާހިދު ދެ ހަރަކާތެއްގައި ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި ދުނިޔޭގެ މަޝްރަޙުގައި ހިނގަމުންދާ އެކިއެކި ކަންކަމަށް ކުރިމަތިލުމުގައި ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ދުނިޔޭގެ މަޝްރަޙުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ދައުރާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ. އަދި އިންޑިއާއިން މިހާރު ދުނިޔޭގައި އަދާކުރަމުންދާ ދައުރާއި، އެ ދައުރުގެ މުހިންމުކަމާ މެދުވެސް ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.
މީގެއިތުރުން ޝާހިދު ވާހަކަފުޅުގައި ދުނިޔޭގެ ދެކުނު ބިތް ނުވަތަ ގްލޯބަލް ސައުތުގެ ބައިވެރިވުން އދ ފަދަ ޕްލެޓްފޯމްތަކުގައި އޮންނަ ގޮތާއި، ކުރިއަރަމުން އަންނަ ޤައުމުތަކަށާއި ގްލޯބަލް ސައުތަށް ލިބެންޖެހޭ އިތުރު ބައިވެރިވުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ގްލޯބަލް ސަމިޓްގެ ތެރެއިން ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާފައެވެ.
ނިއުސް ނައިން ގްލޯބަލް ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން އެޤައުމުގެ ސަރުކާރާއި އެކިއެކި ސިނާޢަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.