މޯލްޑިވް ގޭސްއިން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ ހުޅުމާލޭ ފިޔަވައްޗަށް ހިލޭ ކައްކާ ގޭސް ފޯރުކޮށްދޭން ފަށައިފިއެވެ. މި ޚިދުމަތަކީ އެ ކުންފުނިން މިހާތަނަށް އެ މިނިސްޓްރީގެ ދަށުން ހިންގާ ދެ ތަނަކަށް ފޯރުކޮށްދެމުން އައި ޚިދުމަތެއް ކަމުގައިވާއިރު، މިއީ އެ ޚިދުމަތް އިތުރު ތަނަކަށް ފުޅާކުރުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.
މީގެ ކުރިން މި ޚިދުމަތް ފޯރުކޮށްދެމުން އައީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށާއި ތިނަދޫ ސިޓީގައި ހުންނަ އަމާން ހިޔާއަށެވެ. ހުޅުމާލޭ ފިޔަވައްޗަކީ މި ލިސްޓަށް އެންމެ ފަހުން އިތުރުކުރެވުނު ތަނެވެ. ދާދި ފަހުން މޯލްޑިވް ގޭސްއިން ވަނީ މި ތަނަށް ހިލޭ ކައްކާ ގޭސް ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، މުއްދަތެއް ކަނޑައެޅިފައި ނެތް ގޮތަށް އެ ކުންފުނިން އެ ތަނަށް ގޭސް ފޯރުކޮށްދޭން ނިންމާފައިވެއެވެ.
އިތުރު މަޢުލޫމާތަށް ބަލާއިރު، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2016 ވަނަ އަހަރުން ފެށިގެން މޯލްޑިވް ގޭސްއިން ވަނީ ކައްކާ ގޭހުގެ އިތުރުން މެޑިކަލް އޮކްސިޖަން ވެސް ފޯރުކޮށްދެމުންނެވެ. އަދި ތިނަދޫ ސިޓީގައި ހުންނަ އަމާން ހިޔާއަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހިލޭ ކައްކާ ގޭސް ފޯރުކޮށްދެމުން ގެންދެއެވެ.