އެމްޑީޕީގެ އެކްޓިވިސްޓު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް މާޗު 17 ވަނަ ދުވަހުގެ ރޭ ދަންވަރު ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން ހާމަވާ ގޮތުގައި މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ތިބި ސައިކަލު ދުއްވި ކަމަށް ތުހުމަތުކުރެވޭ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް (20) އެވެ.
އަހްމަދު ރިޝްމާހްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާޗު 27 ގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ. މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި ވަގުތު ސައިކަލު ނުދުއްވާ ކަމަށް އަހްމަދު ރިޝްމާހް އިންކާރު ނުކުރާއިރު، އޭނާއާއެކު ސައިކަލުގެ ފަހަތުގައި ހުރި މީހާގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ދުރާލާ މަންދީއަށް ފާރަލަމުން ގޮސް ކަޅުތެޔޮ ޖަހާފައިވަނީ އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅެއްގެ ވާހަކަ ދެއްކި މަންދީގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.