ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ފޮތްތައް ފޯރުކޮށްދީ ނިންމާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެ

ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ފޮތްތައް ފޯރުކޮށްދީ ނިންމާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެ

ގުޅުންހުރި

އަންނަ މަހުގެ 6 ވަނަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ސްކޫލްތަކަށް ފޯރުކޮށްދީ ނިންމާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ދިރާސީ އަހަރަށް ބޭނުންވާ މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ.

ކުރީގެ ދުވަސްވަރުގައި ބެލެނިވެރިންގެ ފަރާތުން އައި އެންމެ ބޮޑު ޝަކުވާއަކީ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރުވެސް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސަރުކާރުން ފޯރުކޮށް ނުދެވުމުގެ ކަންބޮޑުވުމެވެ. އެއީ ކިޔެވުން ފަށާތާ އެތައް ހަފްތާއެއް ފަހުންވެސް ފޮތްތައް ނުލިބި އުޅެންޖެހުނު ތަޖުރިބާއަށް ބަލާއިރު ވަރަށް އާންމު ކަމެކެވެ.

އަންނަމަހުގެ 6 ވަނަ ދުވަހު ފެށޭ ދިރާސީ އަހަރަށް ބޭނުންވާ ފޮތްތައް ދަރިވަރުންނަށް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި ތަޢުލީމީ ވުޒާރާއިން ވަނީ ފޮތްތައް ބެހުމުގެ މަސައްކަތް މީގެ 4 މަސް ކުރިން ފައްޓަވާފައެވެ. ސަރުކާރުން ދެއްވާފައިވާ ޔަގީންކަމުގައިވަނީ ކިޔެވުން ފެށޭއިރަށް ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ހަމަކޮށްދެވޭނެކަމަށެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެފައިވަނީ ދިރާސީ އައު އަހަރަށް ބޭނުންވާ ހުރިހާ ފޮތްތަކެއްވެސް މިހާރު ޕްރިންޓްކޮށް ނިމި، ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުގައި ހުރިކަމަށެވެ. މީގެތެރެއިން 81 އިންސައްތަ ފޮތް ސްކޫލްތަކަށް ފޮނުވާ ނިމިފައިވާއިރު، ބާކީ ހުރި ފޮތްތައްވެސް އަންނަ ހަފުތާގެ ތެރޭގައި ފޯރުކޮށްދީ ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ފޮތްތައް ބަހާއިރު މިފަހަރު އަޅުގަނޑުމެން ސްކޫލްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްސަ ކަމެއް އެބަކުރަން. އެއީ ކީސްޓޭޖް 1 އަދި 2ގެ ގުރޭޑުތަކުން ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާ ފޮތްތައް ވަކި ޕެކްކުރުމަށްފަހު ސްކޫލްތަކަށް މި ފޯރުކޮށްދެނީ." ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުން ރަމަޟާންމަހުގެ ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ މަހުގެ 6 ގައި ފެށި، ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމާ އެއްގޮތަށް ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީމަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ