ގިނަ ދިވެހީން ދަތުރުކުރާ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް މިއަދު އައި ވަރުގަދަ ބިންހެލުމުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑް އަދި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ސަފީރު ފުއާދު ވިދާޅުވެފައިވަނީ ބެންކޮކުގައި ގާތްގަނޑަކަށް 150 އެއްހާ ދިވެހީން ދިރިއުޅޭކަމަށް ލަފާކުރެވޭ ކަމަށާއި، އެމްބަސީން އެ ޤައުމުގައި އުޅޭ ހުރިހާ ދިވެހީންނާ ގުޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަދި އެއްވެސް ދިވެއްސެއްގެ ފަރާތުން އެއްވެސް އަނިޔާއެއް ލިބުނު ވާހަކައެއް ނޫނިއްޔާ އެހެން ވެސް އެ ކަހަލަ ހިތާމަވެރި ވާހަކައެއް ނުލިބޭ،" ފުއާދު ވިދާޅުވިއެވެ.
ބިންހެލުން އައުމާ ގުޅިގެން ބެންކޮކުގެ ގިނަ ރައްޔިތުން މަގުމަތީގައި ތިބިކަމަށާއި، އިމާރާތްތައް ބަލައި ފާސްކުރުމަށްފަހު ބައެއް އިމާރާތްތަކަށް ވަނުމުގެ ހުއްދަ މަޑުމަޑުން ދެމުންދާކަމަށް ސަފީރު ފުއާދު ވިދާޅުވިއެވެ. ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި، އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ތައިލެންޑް ސަރުކާރުން މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާކަމަށާއި، ދިވެއްސަކަށް އަނިޔާއެއް ވެގެން ރިޕޯޓުކޮށްފިނަމަ ވަގުތުން އެޓެންޑްވެވޭނެކަމަށް ސަފީރު ފުއާދު ވިދާޅުވިއެވެ. މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.