ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން ނެދަލަންޑްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ގީލާ އަލީ، އިއްޔެ ހެނދުނު ދަ ހޭގުގައި ހުންނަ 'ނޫރުދެއިންދް' ޕެލަސްގައި ނެދަލަންޑްސްގެ ރަސްގެފާނު ވިލްއެމް-އެލެގްޒެންޑާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ބައްދަލުވުމުގައި، ސަފީރު ގީލާ ވަނީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ނެދަލަންޑްސްގެ ރަސްގެފާނަށް ތަހުނިޔާއާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ނެދަލަންޑްސްއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެމިތިބޭނެކަމުގެ ޔަގީންކަން ސަފީރު ގީލާ ވަނީ ރަސްގެފާނަށް އަރުވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެއާއި ނެދަލަންޑްސްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވިފައިވާތާ މިހާރު 45 އަހަރު ވެފައިވެއެވެ. މިދެޤައުމުގެ ގުޅުމުގައި ފަތުރުވެރިކަމާއި ތަރައްޤީގެ މަޝްރޫޢުތަކުގައި ނެދަލަންޑްސްއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެކެވެ.
ސަފީރު ގީލާ އަލީއަކީ ދިވެހިރާއްޖެއިން ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ސަފީރުވެސް މެއެވެ.
ކޮމެންޓު ފޮނުވާ