ޤާނޫނު އަސާސީން ލިބިދޭ ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހައި ކޮންޓެންޓް ގެނެސްދޭނަމަ ލައިސަންސް ބާތިލުކުރުމަށް ފަހަށް ނުޖެހޭނެކަމުގެ ސީރިއަސް އިންޒާރެއް ބްރޯޑްކާސްޓިން ކޮމިޝަނުން ޓީވީތަކަށް ދީފިއެވެ.
މި އިންޒާރު ބްރޯޑްކޮމްއިން ދިނީ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ސިޔާސީ ވާހަކަތަކުގައި ޑައުންސިންޑްރޯމް އަދި އޯޓިޒަމް ކުދިންނާއި ގުޅުވައިގެން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކާބެހޭ ކޮންޓެންޓް ގެނެސްދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފުވާނަމަ، ޤާނޫނު ހުއްދަކުރާ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.
"ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދީފައިވާ ޚާއްސަ ރައްކާތެރިކަމަށް އިޙްތިރާމްކޮށް، ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައިވާ ކޯޑް އޮފް ޕްރެކްޓިސްއާއި އެއްގޮތަށް ޢަމަލުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން" ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ޕްރޮގްރާމުގައި ޕާޕާ ފަޔާޒް ވިދާޅުވެފައިވަނީ "ރައީސް މުޢިއްޒަކީ އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ" ކަމަށެވެ. އަދި މޮސްޓާވެސް މިކަމަށް ބާރުދެއްވައި "އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ" ކަމަށް ވިދާޅުވިއެވެ.
ބްރޯޑްކޮމްއިން އިތުރަށް ބުނެފައިވަނީ، މިފަދަ ކޮންޓެންޓް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ ފުރިހަމަ އިޚްތިޞާޞް އެ ކޮމިޝަނަށް ލިބިގެންވާކަމަށެވެ. އަދި ހުށަހެޅޭ މިފަދަ ޝަކުވާތައް ބަލައި ޤާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަން އަންގާފައިވެއެވެ.
ޓީވީގެ ދާއިރާގައި އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅެއްގެ ގޮތުގައި ބެލެވެނީ ޖޫރިމަނާކުރުމާއެކު ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލުކުރުމެވެ.
ރާއްޖެޓީވީން ގެނެސްދިން މި ޕްރޮގްރާމާ ގުޅިގެން މީސްމީޑިއާގައި ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވެފައެވެ. ޚާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތަމްސީލުކުރާ ޖަމްޢިއްޔާތަކުން ވަނީ މިފަދަ ކުދިންނަށް ހަޖޫޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ފާހަގަކޮށްފައެވެ.