މިއަހަރުގެ ފުރަތަމަ 10 ހަފުތާގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.4% އިތުރުވެފައިވާކަން މިނިސްޓްރީ އޮފް ފިނޭންސްގެ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.
ރިޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ 1 އިން މާރިޗު 13 އާ ދެމެދު ދައުލަތަށް 7.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެއްމުއްދަތުގައި ލިބުނު 7.4 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.
ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކްސްގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ލިބުނެވެ. ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 43.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ހަރަދުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 10 ހަފުތާގައި ސަރުކާރުގެ ޚަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 16% ދަށްވެފައެވެ. މިގޮތުން، ދައުލަތުން ޖުމްލަ 6.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 7.8 ބިލިއަން ރުފިޔާއަށްވުރެ 1.3 ބިލިއަން ރުފިޔާ މަދުވެފައިވެއެވެ.
ޚަރަދުތަކުގެ ބާވަތްތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދުތަކަށް 6.1 ބިލިއަން ރުފިޔާ ޚަރަދުކުރެވުނުއިރު، ކެޕިޓަލް ޚަރަދުތަކަށް 428 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.
މި މުއްދަތުގައި ދައުލަތުގެ އާމްދަނީ ޚަރަދަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.