މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) ނިޔާވުމަކީ ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސާންތި ނިޔާވީ ރޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އޭނާ ނިޔާވިއިރު ކެންސަރު ބައްޔަކަށް ފަރުވާ ހޯއްދަވަމުންނެވެ.
ސާންތިގެ ނިޔަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ "ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް" ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ހިތާމައިގެ މި ދަނޑިވަޅުގައި ސާންތިގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ވަނީ ސާންތިއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ދަންނަވާފައެވެ.
ސާންތިއަކީ ކްލަބް އީގަލްސަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރި ކޯޗެކެވެ. މީގެ ދެ އަހަރެއްހައި ދުވަސްކުރިން ކްލަބް އީގަލްސްގެ ކޯޗުގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައިވާއިރު ކްލަބު އީގަލްސްގެ ކާމިޔާބީތަކުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.
މީގެ ކުރިން ސާންތި 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވާއިރު މެދުނުކެނޑި އަށް އަހަރު ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.
ސާންތި ނިޔާވުމާއި ގުޅިގެން ކުޅިވަރުގެ އާއިލާއާއި ގިނަ އާންމުން ވަނީ ތައުޒިޔާ ފޮނުވާފައެވެ.