ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކޮށް ބ. އަތޮޅު ފަތުރުވެރިކަމުގެ ދާއިރާގައި ޕްރޮމޯޓްކުރުމަށް އަމާޒުކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތުގައި ނަން ޖެހުމަށްޓަކައި ޚާއްސަ ސްނޯކަލިންގ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ބ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ އެއްވަގުތެއްގައި އަދި އެއް ސަރަޙައްދެއްގައި ގިނަ ބައިވެރިންތަކެއް އެކުވެގެން ސްނޯކަލްކުރާ ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނާގޮތުގައި މި ހަރަކާތުގައި މަދުވެގެން 500 އެއްހާ މީހުން ބައިވެރިވުމަށް ރޭވިފައިވެއެވެ.
މި ހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ހަރަކާތުގެ މަޤްޞަދަކީ ގިނީސް ވޯލްޑް ރެކޯޑްސްގައި ނަން ޖެހުމާއެކު، ތިމާވެށީގެ ނާޒުކުކަމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. އެއްފަހަރާ އެންމެ ގިނަ ބަޔަކު ސްނޯކަލްކޮށްގެން ދުނިޔޭގެ ރެކޯޑެއް މިހާތަނަށް ޤާއިމުކުރެވިފައިނުވާކަމަށް ފްރީޑައިވް މޯލްޑިވްސްއިން މަޢުލޫމާތު ދީފައިވެއެވެ.
ދުނިޔޭގެ ރެކޯޑު ހެދުމަށްޓަކައި ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ބ. އަތޮޅު ކައުންސިލާއި ފްރީޑައިވް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. މި އެއްބަސްވުމުގައި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ފަހުދު ފާއިޒް އެވެ. އަދި ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙެވެ.
ކުރިން ފްރީޑައިވް މޯލްޑިވްސްއިން ސަރުކާރާ ގުޅިގެން 2019 ވަނަ އަހަރު "ނޭވާ 1″ ގެ ނަމުގައި އެންމެ ގިނަ މީހުން އެއްފަހަރާ އަޑިއަށް ފީނައިގެން ދުނިޔޭގެ ރެކޯޑެއް ޤާއިމުކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރު "ނޭވާ 2″ ގެ ނަމުގައި އެންމެ ގިނަ މީހުން މޫދުގައި ނޭވާ ހިފެހެއްޓުމުގެ ރެކޯޑެއްވެސް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން، މި އަހަރު ދުނިޔޭގެ ރެކޯޑު ހެދުމަށް ބާއްވާ މި ހަރަކާތަކީ އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު މިފަދަ ހަރަކާތް ކަމުގައިވެސް ފާހަގަކުރެވެއެވެ.