ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުޙައްމަދު ޢީދު ސަލާން ކުރެއްވުން މިއަހަރުވެސް އޮންނާނެކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވާގޮތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނެއެވެ. ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:00 ން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.
"ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވާ، އަދި ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވާ" ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވާގޮތުގައި ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.