Author
ހުސައިން
17 މާރޗް 2025 03:57
0

ކުޑަކުދިންގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމަށް އަދި އެކުދިންނާ ގުޅޭގޮތުން އެކަށީގެންވާ ކޮންޓެންޓު ފޮނުވުމަށް ބްރޯޑްކާސްޓް ކޮމިޝަނުން މިއަދު ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފިއެވެ.

މިއަދު ނެރުނު ސާކިއުލާގައި ކޮމިޝަނުން ބަޔާންކޮށްފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް ރާއްޖޭގެ ޤާނޫނުތަކާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ކޮންޓެންޓް ފޮނުވުމަށް ކަމަށެވެ.

ސާކިއުލާގައި ވަކިން ޚާއްޞަކޮށް ފާހަގަކޮށްފައިވަނީ "ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި ޢަމަލުކުރަންވީ ގައިޑްލައިން" އާ އެއްގޮތަށް ކުޑަކުދިންގެ ކަރާމާތާއި އަބުރުވެރިކަން ނުގެއްލޭ ގޮތަށް ކޮންޓެންޓު ތައްޔާރުކޮށް ބްރޯޑްކާސްޓްކުރުމަށް ކަމަށެވެ.

މި ނިންމުން އައިސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފިރިހެން ދަރިކަލަކާއި ގުޅުވައި، ހަޤީޤަތާ ޚިލާފު ވާހަކަތަކެއް އެމްޑީޕީގެ އިހްތިޖާޖެއްގައި އެ ޕާޓީގެ އެކްޓިވިސްޓަކު ދެއްކުމާ ގުޅިގެންނެވެ. އެ އިހްތިޖާޖު ބައެއް ޓީވީ ޗެނަލްތަކުން ލައިވްކޮށް ބްރޯޑްކާސްޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކުޑަކުއްޖަކާ ގުޅުވައި އެމްޑީޕީގެ މުޒާހަރާގައި އެ އެކްޓިވިސްޓް ދެއްކި ވާހަކަތަކުން ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ލިބެމުންދާއިރު، އެފަދަ ޢަމަލުތައް ކުށްވެރިކޮށް ގިނަ މުއައްސަސާތަކުން ބަޔާން ނެރެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.