ތުހުމަތުތަކަށް އިންކާރުކޮށް ފަޒީން ބްރޯޑްކޮމް މެންބަރުކަމުން އިސްތިއުފާ ދީފި

ތުހުމަތުތަކަށް އިންކާރުކޮށް ފަޒީން ބްރޯޑްކޮމް މެންބަރުކަމުން އިސްތިއުފާ ދީފި

Author
ހުސައިން
17 މާރޗް 2025 10:53
0

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް، މުޙައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވަނީ މިއަދުއެވެ.

އިސްތިއުފާގެ ސިޓީގައި ފަޒީން ވިދާޅުވެފައިވަނީ ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުން މިނިވަންކަމާއެކު، ވަކިފަރާތަކަށް ނުޖެހި މަސްއޫލިއްޔަތުތައް އަދާކުރުމަކީ މިހިނދަށް ވެވެން ނެތް ކަމެއްކަމުގައި ދެކޭތީއެވެ.

ސަން ނޫހުގެ މަޢުލޫމާތުތަކުން އެނގޭގޮތުގައި ފަޒީންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮމިޝަންގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ.

އިސްތިއުފާގެ ސިޓީއާއެކު ފަޒީންގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާނެއް ނެރެފައެވެ. ގާނޫނީ ވަކީލުގެ ބަޔާނުގައި ބުނެފައިވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ފަޒީންގެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މަރުހަލާގައެވެ. ކޮމިޓީ ރިޕޯޓުން އެނގޭގޮތުގައި ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ އަންހެން މުވައްޒަފު ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ ގައިގައި ނުރުހުމުގައި އަތްލާފައިވާ ކަމަށާއި ބޭއަދަބީ ބަހުރުވައިން ވާހަކަދައްކާފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮމިޓީން ދެކޭގޮތުގައި މިފަދަ އަމަލުތަކަކީ މުޖުތަމަޢު ގަބޫލުކުރާ އަޚުލާގީ މިންގަނޑާއި ކޮމިޝަންގެ މެންބަރުކަމުގެ ސުލޫކީ ހަމަތަކާ ޚިލާފު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.