ރޭ (16 މާރިޗް 2025) އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ސައިކަލު ދުއްވަމުން ދަނިކޮށް ބަޔަކު ފާރަލައި، އޭނާގެ ގަޔަށް ކަޅު ތެޔޮ ޖަހައިފިއެވެ. މި ހާދިސާ ހިނގުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މަންދީގެ ގަޔަށް ކަޅު ތެޔޮ ޖެހި ޢަމަލު ކުށްވެރިކުރައްވައި، މިއީ ސަރުކާރު ބޭޒާރުވެ ބަލިކަށިވަމުން އަންނަކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ 16 އަހަރުގެ ދަރިކަލުންނާ ގުޅޭ ގޮތުން މަރިޔަމް ޒުބައިރު ދެއްކެވި ވާހަކައެއް ހޫނުވެފައިވަނިކޮށެވެ. މަންދީ ވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކޮށްފައެވެ.
މި ތުހުމަތާ ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރައްދުދީފައިވެއެވެ. އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ. މި ބަޔާނުގައި ވިދާޅުވެފައިވަނީ އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މި ހަފުތާ ތެރޭގައި މަދަނީ ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި މައްސަލަ ދިމާވެފައިވަނިކޮށް، އިހުތިޖާޖުތަކާ ގުޅިގެން މަންދީ ވަނީ ފުލުހުންނަށް ވެސް ހާޒިރުކޮށްފައެވެ. އަދި މިއަދުވެސް އޭނާއަށް ވަނީ ފުލުހުންގެ އޮފީހަށް ހާޒިރުވުމަށް އަންގާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ހަތަރުވަރަކަށް އަހަރު ކުރިން އެމްޑީޕީ އޮފީސް ތެރެއަށް ބަޔަކު ވަދެ ހިންގި މާރާމާރީއެއްގައި ވެސް މަންދީއަށް ބޮޑު އަނިޔާއެއް ލިބިފައިވެއެވެ.