ކުޑަކުދިން ސިޔާސީ ކޯޅުންތަކުގެ ތެރެއަށް ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ރައީސް ވަހީދު

ކުޑަކުދިން ސިޔާސީ ކޯޅުންތަކުގެ ތެރެއަށް ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ރައީސް ވަހީދު

Author
ހުސައިން
15 މާރޗް 2025 08:45
0

ކުޑަކުދިން ސިޔާސީ ކޯޅުންތަކުގެ ތެރެއަށް ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މިފަދަ ޢަމަލުތައް ވަގުތުން ހުއްޓުވަން ޖެހޭކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް މުޢިއްޒުގެ ދަރިކަލުންނާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ފަތުރަމުންދާތީ، އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވާދަވެރިންގެ ޢާއިލާތަކަށް މިފަދައިން ހަމަލާދިނުމަކީ ސިޔާސީ ސަޤާފަތުގެ ބައެއްގެ ގޮތުގައި ވަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، މިއީ މިފަދަ ޢަމަލުތައް ހުއްޓުވަންވީ ވަގުތު ކަމަށެވެ.

2012 އިން 2013 އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ޑރ. ވަޙީދު، ރައީސް މުޢިއްޒުގެ ދަރިކަލުންނަށް އަމާޒުކޮށް އިދިކޮޅުން ދައްކަމުންދާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ވަޙީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައީސް މުޙައްމަދު ނަޝީދު މަޖުބޫރުކުރުވައިގެން އިސްތިޢުފާ ދެއްވުމުން ކަމަށް ބުނެ، ކުރީގެ އިދިކޮޅު ފަރާތްތަކުން އޭރު ރައީސް ވަޙީދާ ދެކޮޅަށް ވަރަށް ގިނަ ސިޔާސީ ޙަމަލާތައް ދީފައިވާކަމެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް ފުރައްސާރަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މިހާރު ރައީސް ވަޙީދު ވިދާޅުވެފައިވަނީ، އާއިލާތަކަށް އަމާޒުކޮށް ސިޔާސީ ހަމަލާތައް ދިނުމުގެ ސަޤާފަތް ނައްތާލަން ޖެހޭކަމަށާއި، ސިޔާސީ ކޯޅުންތައް ބާއްވަންވާނީ ސިޔާސީ މައިދާނުގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.