ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފި

Author
ހުސައިން
11 މާރޗް 2025 09:32
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަރުން ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަލުން ވިސްނުމަށް އެދިވަޑައިގެން މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ ހުށަހެޅުއްވި މި ބިލް، މަޖިލީހުން ފާސްކޮށްފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ބިލް ފާސްކުރިތާ 13 ދުވަސް ފަހުން، ރައީސް އޮފީހުން މިއަދު ބުނެފައިވަނީ އެ ބިލާމެދު މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ބިލް މަޖިލީހަށް ހުށަހެޅުނުތާ އެންމެ ދެ ދުވަސް ތެރޭގައި ފާސްކޮށްފައިވުމެވެ. ބިލަށް ވޯޓަށް އެހީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވިއެވެ.

އަނބުރާ ފޮނުވި ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމާއެކު، މިހާރު ތިއްބެވި އެ ކޯޓުގެ ދެ ފަނޑިޔާރަކު 12 ދުވަސް ތެރޭ މަގާމުން ވަކިކުރަން ޖެހޭނެއެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައިވަނީ ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖޭއެސްސީގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެ ލަފާ ދެއްވާފައި ވަނިކޮށްވެސް ބިލް ފާސްކޮށްފައިވެއެވެ.

މި އިސްލާހު ގެނެވިފައިވަނީ މަޖިލީހަށް އިންތިޚާބުކުރާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާޠިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން ވަގުތީ އަމުރަކަށް އެދުމުން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށްފައި ވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ފަހުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.