މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ އަހްމަދު ޒަޔާން މުހައްމަދު، މިނިސްޓްރީގައި އޭނާ އަދާކުރައްވާ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި، މިއަދު ނޯޓިސް ދެއްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓްގެ ވެރިޔަކަށް ހުންނެވި ޒަޔާން، މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާއިން ވަކިވުމަށް ނޯޓިސް ދެއްވާފައިވާކަން އިތުބާރުހުރި މަސްދަރަކުން 'ދައުރު’އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ޒަޔާން އިސްތިއުފާ ދެއްވުމަށް ނިންމެވި ސަބަބެއް މިވަގުތަށް ސާފުވެފައެއް ނުވެއެވެ. ނަމަވެސް މި ނިންމުން އަންނަނީ ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންދާކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާ ގުޅޭގޮތުން ސަރުކާރުން އަދި މަރުކަޒީ ބޭންކުން މިހާތަނަށް ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ. ނަމަވެސް މިއީ ފައިސާ ޗާޕްކުރުން ކަމަށް ބުނެ، ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފައެވެ. އަދި މިފަދަ ފިޔަވަޅެއްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތަށް ނޭދެވޭ އަސަރުކޮށް، ރުފިޔާގެ އަގު ދަށްވެ، އަގުތައް އުފުލިގެންދާނެކަމަށް ބައެއް އިޤްތިޞާދީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.