ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުޙައްމަދު ފަޒީން އެ މަޤާމުން ވަކިކުރުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ފަޒީންގެ މައްޗަށް ތުހުމަތުކުރެވެނީ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައެކެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފަޒީން ހާޒިރުވުމަށް ނިންމާފައިވީނަމަވެސް، އޭނާގެ ވަކީލުގެ އަންހެނުން ބަލިވުމާ ގުޅިގެން ބައްދަލުވުން ފަސްކޮށްދިނުމަށް އެދިވަޑައިގެންފައިވާކަން ކޮމިޓީގައި ފާހަގަކުރެވުނެވެ. އަދި ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަޒީން އެދިވަޑައިގެންފައިވެއެވެ.
އެހެންނަމަވެސް މާދަމާ އިތުރު ބައްދަލުވުމެއް ބޭއްވުމާމެދު ކޮމިޓީގައި މަޝްވަރާކުރުމަށްފަހު، މައްސަލަ ސީދާ މަޖިލީހުގެ ތަޅުމަށް ގެންދިއުމަށް ވޯޓުން ނިންމައި، އެގޮތަށް ފާސްކޮށްފައިވެއެވެ.
ކޮމިޓީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، އަންހެން މުވައްޒަފު ބުނެފައިވަނީ ފަޒީން އެކި ފަހަރުމަތިން ނުރުހުމުގައި ގައިގައި އަތްލާފައިވާ ކަމަށެވެ. އަދި ކޮމިޝަނުގެ އެހެން އަންހެން މުވައްޒަފަކަށްވެސް ބޭއަދަބީ ބަހުން ވާހަކަދައްކާފައިވާކަން ކޮމިޓީއަށް އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފަޒީންގެ ފަރާތުން އެއްވެސް ވާހަކައެއް ދެއްކިފައިނުވާއިރު، މައްސަލަ ފުލުހުންނަށްވެސް ހުށަހެޅިފައިވެއެވެ.
ފަޒީން ބްރޯޑްކޮމްގެ މެންބަރުކަމަށް ޢައްޔަންކުރެވުނީ 2021 ވަނަ އަހަރުގެ މާރޗް 7 ވަނަ ދުވަހުއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް ޢައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. މީގެ ކުރިން އޭނާ ވަނީ ސީއެންއެމް އަދި ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ