މާލެ ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގެ މަގުތަކުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެކަމަކީ ޖިނާއީ ކުށެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގެ މަގެއްގައި ހުރި ގަސްތައް ކަނޑާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން ހިތުހުރިގޮތަކަށް ގަސްތައް ކެނޑުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
"މި ކަމުގައި ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ސިޓީ ކައުންސިލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކުން ގަސްތައް ކެނޑުމާ ގުޅިގެން އާންމުންގެ ފަރާތުން ނުރުހުން ފާޅުކޮށްފައިވާއިރު، ކައުންސިލުން ބުނެފައިވަނީ އެ މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ޝަކުވާތައް ލިބޭތީ ކަމަށެވެ.
މިއާއެކު، މާލޭގައި ހުރި ގަސްތައް ސިޓީ ކައުންސިލުން ނެގަމުންދާއިރު، ހުޅުމާލޭގައި ހުންނަ ގަސްތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑަމުންދާތީ، އެކަމާ ގުޅިގެންވެސް އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.