ފަޒީންއަށް ޖަވާބުދާރީވާން އިތުރު ފުރުސަތު ދޭން ކޮމިޓީން ނިންމައިފި

ފަޒީންއަށް ޖަވާބުދާރީވާން އިތުރު ފުރުސަތު ދޭން ކޮމިޓީން ނިންމައިފި

ގުޅުންހުރި

ބްރޯޑްކާސްޓިންގ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރާ މައްސަލާގައި ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ރޭ ނިންމައިފިއެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވީ މުވައްޒަފާއި، އެކަމުގެ ތުހުމަތުކުރެވޭ ފަޒީން މީގެކުރިން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެހެންނަމަވެސް، މިހާތަނަށް ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

މައްސަލަ ދިގުލައިގެން ދިއުމާއެކު، ކޮމިޝަންގެ ތެރޭގައި އަދި ޝިކާރައަކަށްވީ ކަމަށް ބުނާ މުވައްޒަފުގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ފަޒީން މި މުއްދަތުގައި ވެސް ކޮމިޝަނުގެ މަސައްކަތަށް ނުކުންނަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

ރޭ ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވި ގޮތުގައި، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތުން އިތުރު ފުރުސަތަކަށް އެދިފައިވާތީ، ފަޒީނަށް އެ ފުރުސަތު ދިނުމަށް ކޮމިޓީގެ އިއްތިފާގުން ފާސްކުރިއެވެ. އަދި މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވެސް ނިންމިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މިނިވަން މުވައްސަސާއެއްގެ މެންބަރަކު ވަކިކުރުމާމެދު ވަކި ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށިކަމަށް ފާސްކޮށް، ތަޅުމަށް ފޮނުވުމުންނެވެ. އޭރުން ރިޔާސަތުން އެ މައްސަލަ ތަޅުމުގައި އިޢުލާންކޮށް، ގޮތް ނިންމުމަށް އަލުން ކޮމިޓީއަށް ފޮނުވާނެއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން މިދިޔަ ހަފްތާގައި ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެހެން މެންބަރުން ވެސް ކޮމިޓީއަށް ހާޒިރުކޮށްފައެވެ. މިހާތަނަށް މައްސަލައާ ގުޅޭ ހުރިހާ ބައްދަލުވުމެއް ވެސް ބާއްވާފައިވަނީ ސިއްރުކޮށް، ދެ މީހެއްގެ ޒާތީ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީކަމަށް ކޮމިޓީން ބުނެފައިވެއެވެ.

ފުރައްސާރައިގެ ޝިކާރައަކަށްވީ ކަމަށް ބުނާ މުވައްޒަފު ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި، ތަކުރާރުކޮށް އެކި ފަހަރުމަތިން އޮފީސް ތެރެއިން އޭނާއަށް ވަނީ ފަޒީންގެ ފަރާތުން ފުރައްސާރަ ލިބިފައެވެ. މައްސަލަ ނުބެލި ދިގުލައިގެން ދިއުމުން އޭނާއަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ