ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ޙުސައިން ޒަކީގެ ޕާސްޕޯޓު ކެންސަލްކުރުމަށް 2020 ވަނަ އަހަރު ސިވިލް ކޯޓުން ނެރުނު އަމުރު ބާޠިލުކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ގަވާއިދުގައި އޮތީ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރާ ވާހަކަ ކަމަށާއި، ޕާސްޕޯޓު ކެންސަލްކުރެވޭ ގޮތަށް އެ މާއްދާ ތަރުޖަމާކުރުމަކީ ގާނޫނީގޮތުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި ޒަކީގެ ޕާސްޕޯޓު ކެންސަލްކުރުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ 2020 ގައެވެ. އެހެންނަމަވެސް، އެ އަމުރު ނުނެރެވޭނެ ކަމަށް ބުނެ އިމިގްރޭޝަނުން އެ މައްސަލަ 2022 ވަނަ އަހަރު ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައި ކޯޓުން ނިންމީ އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.
ދައުލަތުން ހައި ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ނިންމީ ޕާސްޕޯޓު ކެންސަލްކުރުމުގެ އަމުރު ނެރެފައިވަނީ އިމިގްރޭޝަންގެ މައްޗަށް ކަމަށް ވާތީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ހައިސިއްޔަތު ދައުލަތަށް އޮތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބެލުމަށް ހައި ކޯޓަށް ފޮނުވާފައިވެއެވެ.
ދައުލަތުން ސިވިލް ކޯޓުގެ އަމުރު ބާޠިލުކުރަން އެދުނީ، ސާބިތު ދަރަނީގެ މައްސަލަތަކުގައި ފައިސާ ދައްކަންޖެހޭ ފަރާތަކީ ކުންފުންޏެއް ފަދަ ގާނޫނީ ޝަޚުޞެއް ނަމަ، އެ ކުންފުނީގެ ޑިރެކްޓަރުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފެހެއްޓޭނެ ކަމަށް ގަވާއިދުގައި އޮތް ނަމަވެސް، ޕާސްޕޯޓު ކެންސަލްކުރުމުގެ ބާރު އެ ކޯޓަށް ދީފައިނުވާތީއެވެ.
ހައި ކޯޓުން ހުކުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ގާނޫނުގައި ނުވަތަ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމެއް އިތުރުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.