މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މި މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަސައްކަތް ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިރޭ ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި، ޖިންސީ ފުރައްސާރައިގެ ތުހުމަތުގައިވާ ފަޒީން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު ޢަލީ އިބްރާހިމެވެ.
ކޮމިޓީގެ މުގައްރިރު، ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ރިޒާ އާދަމް އިޢުލާންކުރެއްވި ގޮތުގައި، ހުށަހެޅުން ވަނީ މެންބަރުންގެ އިއްތިފާގުން ފާސްވެފައެވެ. ކޮމިޓީގެ ބައްދަލުވުން ނިންމާލެވުނީ މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ފަޒީންއަށް ފުރުޞަތެއް ދިނުމަށް ނިންމުމަށްފަހުއެވެ.