މެލޭޝިއާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި ޒުވާނާ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ފެނި، އޭނާ އާއިލާއާއި ހަވާލު ކޮށްފިއެވެ. މިއީ ކުރީގެ ބ. އަތޮޅު ދާއިރާގެ މެމްބަރު އިބްރާހިމް އަފީފުގެ ދަރިކަލެކެވެ.
އަފީފް މީޑިއާތަކަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވަނީ އުސެއިދު ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އުސެއިދު ގެންދިޔައީ، އޭނާ "އަރާމު" ކޮށްލަން ހޮޓަލަކަށް ދިޔަ ވަގުތު އެ ހޮޓަލުގެ ގެސްޓަކަށް އޭނާއަކީ ގެސްޓަށް ގެއްލުމެއް ދިނުމަށް އުޅޭ މީހެއް ކަމަށް ހީވެގެން ހޮޓަލުގައި އެކަން ބުނުމުން ހޮޓަލުން ފުލުހުންނަށް އެކަން ރިޕޯޓު ކުރުމުންނެވެ.
އުސެއިދު ގެއްލިފައިވާ ކަން އާއިލާއަށް އެންގީ ފުލުހުން ކަމަށްވެސް އިބްރާހިމް އަފީފް ވިދާޅުވެފައިވެއެވެ. އުސެއިދު ވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށްވެސް ގޮސްފައެވެ. ނަމަވެސް އޭނާ އެމްބަސީއަށް ދިޔައިރު، އެމްބަސީ ހުރީ ބަންދުކޮށްފައެވެ.
އުސެއިދު ގެއްލިގެން ހޯދަމުންދިޔައިރު، އޭނާގެ މަންޒަރު ބައެއް ސީސީޓީވީ ފުޓޭޖުތަކުން ފެނިފައިވާކަން ފާހަގަކޮށްފައިވެއެވެ. މިހާރު އުސެއިދުގެ ބައްޕަ ވިދާޅުވެފައިވަނީ އުސެއިދާ ބައްދަލުވެއްޖެ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.