ދިވެހިރާއްޖެއިން، ބައިނަލްއަޤްވާމީ ކޯޓު އޮފް ޖަސްޓިސްގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ލިޔުމުން އޮބްޒަވޭޝަންތަކެއް ހުށަހަޅައިފިއެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ ރާއްޖެއިން މި މައްސަލައަށް ކަނޑައަޅާފައިވާ އޭޖެންޓް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއެވެ. މި ހުށަހެޅުމުގައި އުޝާމް ވަނީ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށް އަލިއަޅުވާލާފައެވެ. ޚާއްޞަކޮށް އެ މުއާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވެއެވެ.
މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ދަ ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ.
ދިވެހިރާއްޖެއިން މި މައްސަލައަށް އޮބްޒަވޭޝަން ހުށަހަޅާފައިވަނީ، މި މައްސަލައަށް ތަދައްހުލުވުމަށް އެދި ޑެކްލެރޭޝަން އޮފް އިންޓަވެންޝަން ފެބްރުއަރީ 3، 2024 ގައި ހުށަހެޅުމަށްފަހު، އެ ހުށަހެޅުން ބަލައިގަތުމާއެކު، ރާއްޖެއިން ތަދައްހުލުވާ މައުލޫއާ ގުޅޭގޮތުން ލިޔުމުން އޮބްޒަވޭޝަންސް ހުށަހެޅުމަށް ދެވުނު ދައުވަތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ.
ދިވެހިރާއްޖެއިން މިކަމާ ގުޅިގެން އަންގާފައިވަނީ ރޮހިންޖާ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި، ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަމެވެ.