ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރުމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަށް އަންގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެންގުން ޕީޖީ ލީޑަރު އިބްރާހިމް މެދުވެރިކޮށް އެ ގްރޫޕަށް އަންގާފައިވަނީ މިދިޔަ ހަފްތާގައެވެ.
މިފަދަ އެންގުމެއް ޕީއެންސީގެ ޕީޖީ ގްރޫޕަށް އަންގާފައިވާއިރު، ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ވަނީ ބަދަލެއްވެސް ގެނެސްފައެވެ.
ޤާނޫނު އަސާސީއަށް ގެނައި އެ ބަދަލު ބާޠިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޙުސްނުއްސުޢޫދު، މަހާޒް ޢަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑްކޮށްފައެވެ.
އެ ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.
ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ، މި މައްސަލައިގައި ރައީސް މުޢިއްޒު ފަނޑިޔާރުންނަށް ބިރުދައްކަވާކަމަށް ވިދާޅުވެ، މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.