ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައަޅަން ހުޅުވާލާފައިވާ ޕޯޓަލްގައި ލިޔެވޭ މިންވަރު އިތުރުކުރަން ނިންމައިފިއެވެ. ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވިގޮތުގައި، މާދަމާއިން ފެށިގެން ޝަކުވާ ހުށައަޅާ ފޯމުގައި މިހާރު ލިޔެވޭ 1500 ލަފުޒުގެ ބަދަލުގައި 3000 ލަފުޒު ލިޔެވޭނެއެވެ.
ސަރުކާރުން އާންމުކޮށްފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓްގައި ހިމެނެނީ ޝަރުތު ހަމަވި 1,820 މީހުންނެވެ. މި މަހުގެ ނިޔަލަށް މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް ހާހަކަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕޯޓަލުން ޝަކުވާ ހުށައަޅާއިރު ޝަކުވާގެ ގޮތުގައި ލިޔެވޭ މިންވަރު މަދުވުންކަމަށް ފާހަގަކުރައްވަމުން ނަޒީމް ވިދާޅުވީ، "މިހެން ވެސް ދެވެން ހުރި ހުރިހާ ލުއިތަކެއް އަޅުގަނޑުމެން ދޭނަން" ކަމަށެވެ.
ނަޒީމް ވިދާޅުވިގޮތުގައި އެންމެ ބޮޑު އެއް ޝަކުވާއަކީ މާލޭގައި 15 އަހަރު އުޅުނު ކަމަށް މުއްދަތު ގުނުމުގައި ބަލާފައިވާ ގޮތާމެދު އޮތް ޝަކުވާއެވެ. ނަމަވެސް ކުރީން ހިނގި ދެ މަރުހަލާއެއްގައި ޑޮކިއުމަންޓް ހުށައަޅަން ފުރުސަތު ދީފައިވާތީ، އިތުރު ޑޮކިއުމަންޓް ހުށައެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ހުށައަޅާ ޝަކުވާއަކުން އިތުރު ޑޮކިއުމަންޓް ބަލަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށާއި، އެއްވެސް މީހެއްގެ ހައްގު ގެއްލޭނެ ގޮތަށް ސަރުކާރުން އަމަލު ނުކުރާނެކަމަށް ނަޒީމް ވިދާޅުވިއެވެ.
"ވީއެންމެ ތަފްސީލެއް ކޮށް އަޅުގަނޑުމެން ބަލަމުން ގެންދާނަން. ފަހަރުގައި ލިސްޓަށް ބަދަލު އައުމުގެ ފުރުސަތު އޮވެދާނެ. ހުށައެޅޭ ޝަކުވާއަކާ ގުޅިގެން އިތުރު ބަދަލުތަކެއް ލިސްޓަށް އަތުވެދާނެ" ކަމަށް ނަޒީމް ވިދާޅުވިއެވެ.
މީގެއިތުރުން، ފްލެޓް ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ، އާންމުންނަށް ވެސް އެފަދަ ޝަކުވާތައް ހުށައެޅުމަށް ސްޓޭޓް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.