ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދެވަނަ ފަހަރަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ. މި ބިލް ފާސްކުރުމަށް މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ނިންމާލުމަށްފަހު، ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެފައިވަނީ ކޮމިޓީގެ ނިންމުމާ ގުޅިގެން ކައުންސެލް ޖެނެރަލްގެ ލަފައަކަށް އެދުމުން އެކަމާގުޅޭ ކޮމެންޓެއް ލިބިފައިވާކަމަށެވެ.
ކައުންސެލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ނުދަނީސް ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އިންސާފުވެރި ކަމެއްތޯ ސުވާލު އުފެދޭކަމަށް ފާހަގަކުރައްވާފައެވެ. އަދި ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ހިސާބަށް އައުމުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން ފިލްޒާ ފާހަގަކުރެއްވިއެވެ.
ފިލްޒާގެ ކޮމެންޓުތަކާ ގުޅިގެން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަސާދު ހުށަހަޅުއްވައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ތާއީދުކުރައްވައި ބިލަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ވޯޓަށް އެހިއެވެ. ކޮމިޓީގައި ބައިވެރިވި މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވޯޓު ދެއްވީ މިގޮތަށް ފާސްކުރުމަށް ކަމަށްވާއިރު، ދެ މެންބަރަކު ވޯޓު ދެއްވީ މި ހުށަހެޅުމާ ދެކޮޅަށެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް މީގެ ކުރީ ސަރުކާރުތަކުގައިވެސް ބަދަލުތައް ގެނެސްފައިވެއެވެ. ސުޕްރީމް ކޯޓު އުފެދުނުއިރު ފަސް ފަނޑިޔާރުން ތިބި އަދަދު ރައީސް ނަޝީދުގެ ވެރިކަމުގައި ހަތަކަށް އިތުރުކުރި އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ފަހަކަށް މަދުކުރުމަށްފަހު، ރައީސް އިބްރާހިމްގެ ސަރުކާރުގެ ނުފޫޒުން ވަނީ އެ އަދަދު އަލުންވެސް ހަތަކަށް އިތުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށްދަނިކޮށެވެ.