ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރު ދައްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.
ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އިސްތިއުފާ ދެއްވާފައިވެއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސް ނުފޫޒު ފޯރުވަމުންދާކަމަށް ސުއޫދު ވިދާޅުވެފައިވާތީ، އެ މައްސަލަ ތަހުގީގުކޮށް ފަނޑިޔާރުގެ މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އެމްޑީޕީން ތުހުމަތުކުރި ގޮތުގައި، ޖޭއެސްސީއާއި އޭސީސީއަކީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަންތަކެއް ކަމަށާއި، ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލަތައް ބަލަނީ އެއްވެސް އަސާސެއް ނެތި، ސަރުކާރުން ނުފޫޒު ފޯރުވައިގެންނެވެ.
"އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަން ރައީސަށް އޮތް ނަމަވެސް މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް އެ މަނިކުފާނު އިސްވެ ހުންނަވައި ދެމުންދާ ހަމަލާތައް ތަހުގީގުކޮށް ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެކަން ހަނދުމަކޮށް އަރުވަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން އިތުރަށް ގޮވާލާފައިވަނީ، ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލުމަށް ވެރިކަން ކުރާ ޕާޓީން ހިންގަމުންދާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ، އެ ކަންކަމާ މެދު މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރުމަށް ރައްޔިތުންނަށެވެ.
ކޮމެންޓު ފޮނުވާ